އަފްޣާނިސްތާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ތާލިބާނުން ހިފައިފި
އަފްޣާނިސްތާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ތާލިބާނުން ހިފައިފި

ކާބުލް (އޮގަސްޓް 13) - އަފްޣާނިސްތާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކަންދަހާރު ތާލިބާނުންގެ ބާރުގެ ދަށަށް މިއަދު ގެނެސްފި އެވެ.

ތާލިބާނުންގެ ތަރުޖަމާނަކު ކުރި ޓްވީޓެއްގައި ބުނީ ކަންދަހާރުގެ މައި ސަރަހައްދުތައް ތާލިބާނުންގެ ބާރުގެ ދަށަށް ގެނައުމާ އެކު ސިފައިން އަމާންދީފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ބޮޑު ސަރަހައްދެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދަން ފަށާފައި ވަނީ އެމެރިކާ އާއި އެހެން ގައުމުތަކުން އެ ގައުމުގައި 20 އަހަރު ވަންދެން ހިންގި އޮޕަރޭޝަން ނިމުމަކަށް ގެނައި ފަހުންނެވެ. ރީޖަނަލް ސިޓީތަކުގެ ތިންބައިކުޅަ އެއްބައި ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރު އުތުރުގެ ބޮޑު ސަރަހައްދެއް ވެސް ވަނީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. ހެލްމާންޑް ޕްރޮވިންސްގެ ވެރިރަށް ވެސް މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތު ވެސް މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން އެތައް ބަޔަކު ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ދަތުރުކުރަން ފަށައިފަ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ކަންދަހާރު ގެއްލުމަކީ އަފްޣާން ސަރުކާރު ސިފައިންނަށް ލިބުނު ބޮޑު ގެއްލުމެކެވެ. އދ. އިން ބުނި ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ އަފްޣާނިސްތާނުން ވަނީ އާއްމުންގެ 1،000 މީހުން މަރުވެފަ އެވެ.

އަފްޣާން ސިފައިންގެ ވެރިޔާ ޖެނެރަލް ވާލި މުހައްމަދު އަހުމަދްޒައި ވަނީ ބުދަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ. ސިފައިންގެ ވެރިޔާގެ މަގާމަށް އޭނާ ހަމަޖެއްސީ ޖޫން މަހު އެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ބުދަ ދުވަހު ވަނީ، ތާލިބާނުންނާ ދެކޮޅު ސިޓީއެއް ކަމަށްވާ މަޒާރީ ޝަރީފަށް ވަޑައިގެންފަ އެވެ. އުޒްބެކިސްތާނާއި ތަޖިކިސްތާނާ ކައިރީގައި އޮންނަ މަޒާރީ ޝަރީފް ތާލިބާނުންގެ ބާރުގެ ދަށަށް ހިނގައްޖެ ނަމަ އަފްޣާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކުން ސަރުކާރު ސިފައިންގެ ކޮންޓްރޯލް ގެއްލުނީ އެވެ.