ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމުން ކޫޕްމަން ވަކިކޮށްފި
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމުން ކޫޕްމަން ވަކިކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަކިކޮށްފި އެވެ.

ކޫޕްމަންގެ މަގާމު ގެއްލިދާނެ ކަމަށް ބެލެވުނުތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ކޫޕްމަން އިންސްޓްގަރާމްގައި ކުރި ޕޯސްޓުތަކުން ވެސް އެކަން ދޭހެވެ އެވެ. ރާއްޖޭގެ ކޯޗުކަމާ ހަވާލުމަށް ފަހު ކޫޕްމަން ސޯޝަލް މީޑިއާގައި އާންމުކޮށް ރާއްޖެއާ މެދު މުހާތަބު ކުރަނީ "އަހަރެމެންގެ ޓީމު" ގެ ނަމުންނެވެ. އެހެންނަމަވެސް މިދިޔަ ބުދަ ދުވަހު އޭނާ ކުރި ޕޯސްޓުގައި ބޭނުން ކޮށްފައިވާ އިބާރާތް ތަފާތެވެ.

އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޫން މަހު ކުޅުނު މެޗުތަކުގައި ކޫޕްމަންގެ ނިންމުންތަކާ މެދު ސުވާލު އުފެދިފައިވެ އެވެ. ބައެއް މެޗުތަކުގައި "އައުޓް އޮފް ޕޮޒެޝަން" ގައި ކުޅުންތެރިން ކުޅުވާފައިވާ މައްސަލަ އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ބައެއް ކުޅުންތެރިން މެޗުގައި ތަކުރާރުކޮށް ގޯސް ހެދިއިރު ވެސް އެ ކުޅުންތެރިން ބަދަލުކޮށްފައި ނުވާ މައްސަލަ ވެސްފާހަގަ ކުރެވެ އެވެ.

ކޫޕްމަން މަގާމުން ވަކިކޮށްފައިވާ ކަން އެފްއޭއެމްގެ ޖެނަރަލް ސެކެރެޓެރީ ހުސައިން ޖަވާޒު ވަނީ މިއަދު ކަށަވަރު ކޮށްދެއްވައިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަމުން ޖަވާޒު ވިދާޅުވީ ކޮލިފައިންގައި ހުރި ކަންބޮޑުވުންތަކާ މެދު ކޯޗާ ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ރާއްޖޭގެ ކޯޗުކަމުގައި އެއް އަހަރާއި އަށް މަސް ކޫޕްމަން ހޭދަކުރި އެވެ. އެކަމަކު އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅުނީ ތިން މެޗެވެ. އެ ތިން މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދުބާއީގައި ކުޅުނު ތިން މެޗެވެ. އޭގެ ތެރެއިން ޗައިނާ، ސީރިއާ އަތުން ރާއްޖެ ބަލިވީ އެވެ. އަދި ފިލިޕީންސް އާ އެއްވަރު ކުރި އެވެ. ރާއްޖޭގެ ކޯޗުކަމުގައި ހޭދަކުރި މުއްދަތާ ބަލާއިރު އެންމެ މަދު މެޗުތަކުގައި ކޯޗުކޮށް ދިނީ ކޫޕްމަން އެވެ.

މިހާތަނަށް ރާއްޖޭގެ ކޯޗުކަމުގައި އެހެން ކޯޗަކު ނުކުރާހާ އުނދަގޫ ތަޖުރިބާ އޭނާ ކޮށްފި އެވެ. އެހެން ކޯޗަކު ނުއުފުލާ އުނދަގޫ އޭނާ އުފުލި އެވެ. ރާއްޖެއާ އެކު ފުރަތަމަ މެޗަކަށް އޭނާ އަށް ފުރުސަތު ލިބުނީ ވެސް ކޯޗްކަމާ ހަވާލުވިތާ 16 މަސް ފަހުންނެވެ. ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ދެ ފަހަރެއްގެ މަތިން ވެސް މަސައްކަތް ފަށައި އޭނާ އަށް ޖެހުނީ އެކަން ހުއްޓާލާށެވެ. ތިން ވަނަ ފަހަރު މަސައްކަތް ފެށިއިރު ތައްޔާރުވާން ރާއްޖެއިން ދަނޑެއް ނުލިބުނެވެ. ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.

ޖެނުވަރީ 2020 ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވެ އޭރު އެއް އަހަރު ދުވަހަށް ހެދި އެއްބަސްވުން މި އަހަރު ފެބްރުއަރީ މަހު ތިން އަހަރަށް އާ ކުރި އެވެ. ކޫޕްމަންއާ އެކު އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސި ހޮލެންޑްގެ ރެނޭ ހިޑިންކް ކޮންޓްރެކްޓް އާ ކުރުމަށް ފަހު ބަދަލުކުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެފްއޭއެމުން ވަނީ 23 އަހަރުން ދަށުގެ ޓީމަށް ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން ހަމަޖައްސައިފަ އެވެ. ސުޒޭން މީގެ ކުރިން މަސައްކަތް ކުރީ ސީނިއާ ޓީމުގެ އެސިސްޓެންޓު ކޯޗަކަށެވެ.