13 އޯގަސްޓް 2021 - 12:12

ގައިން ގަޔަށް އަރާ ބަލިތައް ފެތުރިގެން ދިއުމަކީ ކައުނުގައިވާ އިލާހީ ޤާނޫނުތަކުގެ ދަށުން ހިނގަމުންދާ ކަމެކެވެ. މި ޤާނޫނުތަކުގެ ތެރޭގައި އިންސާނުންނަށް ﷲ ދެއްވާފައިވާ އިޚްތިޔާރުގެ ދަށުން އިންސާނުން ކުރާ ކަންކަންވެސް ހިމެނެ އެވެ. އެހެންކަމުން މިފަދަ ބަލިތައް ފެތުރުން ހުއްޓުވުމުގައި ވެސް ﷲ ގެ އިރާދަޔާ އެކު އިންސާނުންނަށް ކުރެވޭނެ ކަންކަން ހުންނާނެ އެވެ. މިސަބަބަށްޓަކައި، މި ފަދަ ބަލިތަކުން މީސްތަކުން ސަލާމަތްވުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވެ އެވެ.

މި އިރުޝާދުތަކަށް ބަލާއިރު އެއް ކަމަކީ ކަރަންޓީނުގެ އުސޫލު ދެމެހެއްޓުމެވެ. ޠާޢޫނު ބަލި ފެތުރިފައިވާ ނަމަ އެތަނަކަށް އެހެންމީހުން ނުދިއުމަށާއި އެތަނުގައި ތިބި މީހުން އެތަނުން އެހެންތަނަކަށް ނުދިއުމަށް އެކަލޭގެފާނު އަންގަވާފައިވެ އެވެ. (ބުޚާރީ). ޖުޒާމް ބަލި ޖެހިފައިވާ މީހާގެ ކިބައިން އެބަލި ފެތުރިގެން ނުދިއުމަށް މަސައްކަތް ކުރަން އަންގަވާފައި ވަނީ ސިންގާއެއްގެ ނުރައްކަލުން ސަލާމަތްވާން މަސައްކަތް ކުރާ ފަދައިންނެވެ. (ބުޚާރީ). މިކަން ޢަމަލީގޮތުން ކުރެއްވުމަށްޓަކައި ސަޤީފުގެ ވަފުދުގައި ހުރި ޖުޒާމް ބަލި ޖެހިފައިވާ މީހަކާ އެކަލޭގެފާނު މުޞާފަޙާ (އަތާއަތްޖޯޑު) ނުކުރައްވައި ދޫކޮށްލެއްވި އެވެ. (މުސްލިމް)

މިފަދަ ނައްސުތަކުން އިސްލާމްދީން ކަށަވަރު ކޮށްދެނީ ގައިންގަޔަށް ބަލިތައް އެރުން އެއީ އޮންނަ ކަމެއް ކަމެވެ. ނަމަވެސް އެގޮތަށް ބަލިތައް އެރުމުގައި ބަލި ޖެހިފައިވާ މީހާ، ނުވަތަ އެ ބަލީގެ ވައިރަސް ނުވަތަ ޖަރާސީމު އެއީ ހަމައެކަނި ސަބަބެއް ކަމެވެ. ބަލިތައް ޖެއްސެވުމާއި ބަލިތަކަށް ޝިފާ ދެއްވުމާއި މިކަންކަމުގެ ހަގީގީ ފަރާތަކީ ހުރިހާ ކަމަކަށް ކުޅަދުންވެ ވޮޑިގެންވާ މާތް ﷲ އެވެ. އެހެނީ އިންސާނާ އާއި އޭނާ ދިރިއުޅެމުން މިގެންދާ ދުނިޔެ ހެއްދެވީ އަދި އެދުނިޔޭގައި ކަންކަން ހިނގަމުންދާ އެންމެހާ ގުދުރަތީ ގާނޫނުތައް ލެއްވެވީ އެކަލާނގެ އެވެ. އަދި އެގާނޫނުތަކުގެ ދަށުން ހިނގަމުންދާ ކަންކަން ހިނގަމުންދަނީ ވެސް އެކަލާނގެ ފުރިހަމަ ގުދުރަތުގެ ދަށުންނެވެ. ކަންކަން މެދުވެރިވުމަށް މިދުނިޔެމަތިން އަހަރެމެންނަށް ފެންނަމުން މިދަނީ ހަމައެކަނި ސަބަބު ތަކެކެވެ. މި ހަގީގަތް ބަޔާން ކުރެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ﷺ އަންގަވަނީ (ﷲ ގެ ކުޅަދުންވަންތަކަމާ ނުލައި) ގައިންގަޔަށް ބަލި އެރުމަކީ އޮންނަ ކަމެއް ނޫން ކަމުގައެވެ (ބުޚާރީ)
ވީމާ މުސްލިމުންގެ މައްޗަށް ލާޒިމު ވެގެންވަނީ ގައިންގަޔަށް އަރާ ބަލިތަކަކީ ވެސް ﷲ ގެ މިންވަރުފުޅުން މެނުވީ މީހަކަށް ނުޖެހޭނެ ކަމެއްކަން އެއްކޮޅުން ގަބޫލު ކުރުމާ އެކު އަނެއްކޮޅުން އެފަދަ ބަލިތަކުން ސަލާމަތްވާން އެޅެން ހުރި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަން ވެސް ގަބޫލުކޮށް އެގޮތަށް އަމަލު ކުރުމެވެ. ހައްގު ގޮތުގައި މިންވަރަށް އީމާން ވެވޭނީ ވެސް އޭރުންނެވެ. ޖަމަލު ދޫކޮށް ﷲ އާ ވަކީލުކޮށްފައި ދާން ޖެހޭނީ ކީރިތި ރަސޫލާ އިޝާރާތް ކުރައްވާފައިވާ ފަދައިން އެ ޖަމަލު އެއްސުމަށް ފަހު އެވެ. އޭތި ނުއައްސައި ތިމަންނާ ﷲ އަށް ވަކީލުކޮށްފީމޭ ބުނެ އޭތި ދޫކޮށްލާފައި ދިއުމަކީ ހަގީގަތުގައި ވަކީލު ކުރުމެއް ނޫނެވެ. އަދި ފުރިހަމަ އަށް އީމާން ވުމެއް ވެސް ނޫނެވެ.
މިގޮތުން މިއަދު މުޅި ދުނިޔެ އަށް އާންމު ވެފައިވާ ކޮވިޑް-19 ރޯގާއިން ވެސް ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭނެ އެވެ. ގައުމުތަކުގެ ސަރުކާރުތަކުންނާއި ވަކިވަކި ފަރުދުންނާއި އެކިއެކި ޖަމާއަތްތަކުގެ ފެންވަރުގައި އެންމެން އެކީ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. މުސްލިމް މުޖުތަމަޢުތަކުގައި މިއީ ކޮންމެހެން ލާޒިމު ކަމެކެވެ. އެހެނީ ކޮންމެ މުސްލިމަކީ ވެސް ކޮންމެވެސް ކަންތައްތަކެއްގެ މަސްއޫލިޔަތު އުފުލަން ޖެހޭ ރާޢީ އެކެވެ. އަދި އެމީހަކު ބަލަހައްޓާ ކަންކަމުގެ ޒިންމާ އެމީހަކު ނަގަން ޖެހެ އެވެ.
މި ރޯގާއިން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރޯގާގެ ވައިރަސް އުފުލާ ނުވަތަ އުފުލަފާނެކަމުގެ ބިރު ހީވާ ކަންކަމުން ދުރުހެލިވުމެވެ. ދެވަނަ ކަމަކީ ރޯގާ ޖެހިފައިވާ މީހުން ކަރަންޓީނު ކުރުމެވެ. ތިންވަނަ ކަމަކީ އެހެން ހުރިހާ ބަލިތަކުން ވެސް ސަލާމަތްވުމަށްޓަކައި ތިމާގެ ހަށިގަނޑާއި ފޭރާމާއި އުޅޭތަންތަން އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމެވެ. ހަތަރުވަނަ ކަމަކީ ރޯގާގެ ވައިރަސް މީހުންގެ ގަޔަށް އަރާފައި ވޭތޯ ބެލެވޭނެ އިންތިޒާމެއް ހަމަޖައްސައި އެކަން ގަވައިދުން ކުރަމުން ގެންދިއުމެވެ. ފަސްވަނަ ކަމަކީ ގައިންގަޔަށް އަރާ ރޯގާ ޖެހިފައިވާ މީހުންނަށް އަޅާލައި އެމީހުންނަށް ދެވެން ހުރި އެންމެ ރަނގަޅު ފަރުވާ ދިނުމެވެ. ހަވަނަ ކަމަކީ ރޯގާތަކުން ސަލާމަތްވުމަށްޓަކައި ދެވޭ ވެކްސިން ފަދަ ތަކެތި ޖަހައިގެން ނަމަވެސް ބަލި ފެތުރުނަ ނުދީ ހިފަހައްޓަން މަސައްކަތް ކުރުމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ވެކްސިން ކަމުގައި ވިއަސް އަދި ބޭހެއް ކަމުގައި ވިއަސް އޭގައި ވަރަށް މުހިންމު ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެ ޝަރުތަކީ ޙަލާލު އެއްޗެއް ކަމުގައި އެ ވުމެވެ. އެހެންކަމުން ވެކްސިން އަކީ ވެސް ހަލާލު އެއްޗެއް ކަމުގައި ވާން ޖެހޭނެ އެވެ. އެހެން ނަމަވެސް ވެކްސިން އެއްގެ ހަލާލުކަން ނުވަތަ ޙަރާމްކަން ކަނޑައެޅުމުގައި މިކަމާ ގުޅޭ ޢިލްމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހީއެއްގެ މައްޗަށް ބިނާކޮށް މިފަދަ ކަމެއްގައި ހުކުމެއް ކަނޑައެއް ނޭޅޭނެ އެވެ. މިގޮތުން ކޮވިޑް-19 ގެ ވެކްސިންތަކާ ބެހޭ ގޮތުން ވެސް އޭގެ ޢިލްމުގެ މައްޗަށް ބިނާކޮށްފައި މެނުވީ އެ ހަލާލު ކަމަށް ނުވަތަ ހަރާމް ކަމަށް އެކަކުވެސް ނިންމައިގެން ނުވާނެ އެވެ. އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑެމީ އިން މި އަހަރުގެ މާޗު މަހު ބޭއްވި ފިޤުހީ ނަދުވާ (ސެމިނާ) އެއްގައި ބޭސްތަކާ ބެހޭ ޢިލްމާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ކޮވިޑް-19 ގެ ތަފާތު އެކިއެކި ވެކްސިންތަކުގައި ހިމެނޭ މާއްދާތައް ބަޔާން ކޮށްދިނެވެ.
މިގޮތުން އޭގައި ވައިރަސްގެ އެމް.އާރް.އެން.އޭ އާއި، އަލުން އެކުލަވާލެވިފައިވާ ޑީ.އެން.އޭ އާއި، އާންމު ރޯގާގެ ވައިރަސް އާއި، ވަކި ބާވަތްތަކެއްގެ ގަސްގަހުން ނަގާ މާއްދާތަކާއި، އެހީތެރިވުމުގެ މާއްދާތަކުގެ ގޮތުގައި ޕޮޓޭސިއަމް އާއި ސޯޑިއަމް އާއި ފޯސްފޭޓް އާއި ސެކްރޯސް ފަދަ އެތައް މާއްދާ އަކާއި، ފެން ހިމެނޭ ކަމަށް އެ ޢިލްމުވެރިން ބަޔާންކޮށްދިނެވެ. މި ބަޔާނުގެ މައްޗަށް ބިނާކޮށް އެ ނަދުވާގައި ބައިވެރިވެ ވަޑައިގަތް ދުނިޔޭގެ އެކި ގައުމުތަކުގެ ފުންނާބު އުސް ޢިލްމުވެރިން ނިންމަވާފައި ވަނީ އެ މާއްދާތަކުގެ ތެރޭގައި ޙަރާމް އެއްވެސް މާއްދާއެއް އެކުލެވިފައި ނުވާ ކަމަށެވެ. އަދި އެއިން އެއްވެސް މާއްދާއެއް އޭގެ އަސްލުގައި ހުންނަ އިރު ފަހަރެއްގައި ނަޖިހަކަށް ވީ ކަމުގައި ވިއަސް ވެކްސިން ތައްޔާރު ކުރެވިގެންދާ އިރު އެ އެކުލެވިގެންވާ ގޮތް (ސްޓްރަކްޗަ) މުޅިން ބަދަލުވެ ނަޖިސްކަން ކެނޑިގެންދާނެ ކަމަށެވެ. ވީމާ ވެކްސިން ހަލާލު ކަމާ މެދު ޝައްކު ކުރަން ޖާގައެއް ނެތް ކަމަށެވެ. މި ނަދުވާގެ ޢިލްމުވެރިން ނޫނަސް ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބެވި ވަރަށް ގިނަ ޢިލްމުވެރިންނާއި ފަތުވާ މަޖްލިސްތަކުންނާއި ފިޤުހު އެކަޑެމީތަކުން ފަތުވާ ދީފައި ވަނީ ވެސް މި ވެކްސިން އަކީ ހަލާލު އެއްޗެއް ކަމަށެވެ.
ދެން އޮތީ ވެކްސިން ދިނުމަކީ ބަލި ފެތުރުން ހުއްޓުވަން އޮތް ވަސީލަތެއްކަން ހަމަ އިތުބާރު ހުރި ޢިލްމާއި ތަޖުރިބާތަކުން ކަށަވަރުވާ ކަމެވެ. އެހެން ކަމަށް ވާނަމަ އިސްލާމް ދީނުގައި ބަލިތަކުން ރައްކާތެރިވަން އެޅެން ހުރި ހުއްދަ ހުރިހާ ފިޔަޅެއް އެޅުމަށް ބާރުއަޅާފައިވާ އިރު މި ރޯގާ އިން ސަލާމަތްވެ މީސްތަކުންގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނެވޭތޯ މަސައްކަތް ކުރުމަކީ ދީނީ ގޮތުން ކުރާން ޖެހޭނެ ކަމެކެވެ.
ވީމާ އެންމެހާ ވަބާތަކާއި ރޯގާތަކުން އަޅުގަނޑުމެން އެންމެން ސަލާމަތްކޮށް މިންޖު ކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވައި ދުޢާ ކުރާ ހާލު މި ރޯގާއިން ވެސް ސަލާމަތްވުމަށް އެދި ރޯގާއިން ރައްކާތެރިވާން އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭނެ އެވެ. އޭގެ ތެރޭގައި ވެކްސިން ޖެހުންވެސް ހިމެނެ އެވެ.