ބަޔާންގެ ނަތީޖާ ދަށްވުމުން ނާގެލްސްމަންއާ މެދު ސުވާލު އުފައްދައިފި
ބަޔާންގެ ނަތީޖާ ދަށްވުމުން ނާގެލްސްމަންއާ މެދު ސުވާލު އުފައްދައިފި

މިޔުނިކް (އޮގަސްޓް 13) - ޕްރީ ސީޒަންގައި ބަޔާން މިޔުނިކުން ނެރުނު ނަތީޖާތައް ދަށްވުމުން، އެ ޓީމުގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ފެންވަރާ މެދު ޖަރުމަންގެ މީީޑިއާތަކުން ސުވާލު އުފައްދައިފި އެވެ.

ބަޔާންގެ ކޯޗުކަމާ އަލަށް ހަވާލުވި، ނާގެލްސްމަން މިދިޔަ ދެ ސީޒަންގައި މަސައްކަތް ކުރީ ރެޑްބުލް ލައިޕްޒިގްގަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭރު އެ ޓީމު ބިނާވެފައި އޮތީ ޒުވާން ކުޅުންތެރިން އުފެއްދުމާއި ކޮންމެ އަހަރަކު ޗެމްޕިއަން ލީގަށް ވާދަކުރާ ޓީމެއްގެ ގޮތުގަ އެވެ.

މިދިޔަ، އަށް އަހަރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދި ބަޔާންގައި ނާގެލްސްމަންގެ ޓާގެޓް ތާފާތު ވާނެ އެވެ. އޭނާ އަށް އޮތީ ޖަރުމަންގެ ޑޮމެސޓިކް ދެ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރަން ކުރަންޖެހޭ މަސައްކަތެވެ.

ބަޔާންގެ ކޯޗުކަމާ ހަވާލުވި ފަހުން ޕްރީ ސީޒަންގައި ނާގެލްސްމަން މަސައްކަތްކުރީ އޭނާގެ އަމިއްލަ ސްޓައިލެއް ބަޔާންގައި ގާއިމްކުރުމަށެވެ. ޕްރީ ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. އެހެންވެ ބަޔާންގެ ސަޕޯޓަރުންނަށް ނާގެލްސްމަން އަށް އިތުބާރު ކުރާކަށް ފަސޭހައެއް ނޫނެވެ.

ބަޔާންގެ ލެޖެންޑް ލޮތާ މަތެއުސް ވަނީ ބަޔާންގެ ޓީމާ މެދު ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ ސްކޮޑަށް ބާލާއިރު އެހެން ކްލަބުތަކުގައި އޮތް ވަރުގަދަ ސްކޮޑެއް ބަޔާންގައި ނެތް ކަަމަށެވެ.

"ބަޔާންގައި އެބައޮތް ފުރަތަމަ 11 ގައި ރަނގަޅަށް ކުޅޭނެ ކުޅުންތެރިންތަކެއް. އެކަމަކު ލައިޕްޒިގްގައި އެބައޮތް ޖުމުލަކޮށް މާ ރަނގަޅު ސްކޮޑެއް،" މަތެއަސް ބުންޏެވެ. "ޓޮޕް ލެވަލްގެ 13 ވަރަކަށް ކުޅުންތެރިން ބަޔާންގައި އެބަތިބި އެކަމަކު އެއިން ކުޅުންތެރިޔަކަށް އިންޖަރީއެއް ވީމަ ދެން ބޭނުން ކުރަން ހުރި ފުރުސަތުތައް މަދު. އެކަމަކު ލައިޕްޒިގްގައި ޖުމުލަކޮށް ރަނގަޅު ޓީމެއް އޮތީ އެ ޓީމަށް މުޅި ސީޒަންގައި ރަނގަޅު ވާދައެއް ކުރެވޭނެ."