އަންނަ އަހަރު ރޮނާލްޑޯ ވެސް ޕީއެސްޖީ އަށް ބަދަލުވުން ކައިރި
އަންނަ އަހަރު ރޮނާލްޑޯ ވެސް ޕީއެސްޖީ އަށް ބަދަލުވުން ކައިރި

ޕެރިސް (އޯގަސްޓް 13) - ޕީއެސްޖީގެ ފޯވަޑް، ކިލިޔަން އެމްބާޕޭ އަންނަ ސީޒަންގައި އެ ޓީމު ދޫކޮށްލައިފި ނަމަ އޭނާގެ މަގާމު ފޫބެއްދުމަށް ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދަން ޕީއެސްޖީން ތައްޔާރަށް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ސީޒަނަށް ފަހު، އެމްބާޕޭ ކޮންޓްރެކްޓް ހަމަވާނެ އެވެ. އެއަށްފަހު އޭނާ ބޭނުން ކްލަބަކަށް ހިލޭ ޓްރާންސްފާގައި ދެވޭނެ އެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ވެސް މި ސީޒަނަށް ފަހު ހަމަ ވާނެ އެވެ. ޕީއެސްޖީ އަށް ވެސް އޭނާ ހިލޭ ޓްރާންސްފާގައި ރޮނާލްޑޯ ގެންދެވޭނެ އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑުގައި ވެސް އެމްބާޕޭ ގެންދަން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށެވެ. ނަމަވެސް އޭނާ ވިއްކާކަށް ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. ޕީއެސްޖީގެ ރައީސް ނާސީރު އަލް ހަލީފީ ވިދާޅުވީ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭނާ ދަނީ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށް އެމްބާޕޭ އަށް ވިސްނައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންޓްރެކްޓުގައި މިހާތަނަށް އެމްބާޕޭ ސޮއިކޮށްފައެއް ނުވެ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް އޭއެސް އިން ބުނެފައި ވަނީ އެމްބާޕޭ ޓީމު ދޫކޮށްލައިފި ނަމަ އަންނަ އަހަރު ރޮނާލްޑޯ ޕީއެސްޖީ އަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.

އަންނަ ސީޒަންގައިި ރޮނާލްޑޯ ޕީއެސްޖީ އަށް ބަދަލު ވެއްޖެ ނަމަ، އެކަން ވެގެންދާނީ މިހިނގާ 12 ވަރަކަށް އަހަރު ތެރޭ ފުޓްބޯޅައިގައި އޮތް ބޮޑު ފަރުދީ ވާދަވެރިކަން ނިމިގެންދާނެ ޓްރާންސްފާ އަށެވެ. ލިއޮނެލް މެސީ އާއި ރޮނާލްޑޯ އެއްޓީމަކަށް ކުޅޭތަން ބަލާލުމަކީ ގިނަ ބަޔަކު ބަލަން ބޭނުންވާ މަންޒަރެކެވެ. މެސީ ވަނީ މި ހަފުތާގައި ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ. ޕީއެސްޖީއާ އެކު އޭނާ ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. ކްލަބުން ބޭނުން ނަމަ އިތުރު އެއް އަހަރަށް އޭނާ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ވެސް ލިބެ އެވެ.