ލަލީގާ، މީޑިއާ ނެޓްގެ އައިސް ޓީވީ އާއި އައިސް ސްޕޯޓްސް އަށް
ލަލީގާ، މީޑިއާ ނެޓްގެ އައިސް ޓީވީ އާއި އައިސް ސްޕޯޓްސް އަށް

ސްޕެނިޝް ލަލީގާ އަލުން މީޑިއާ ނެޓް މެދުވެރިކޮށް ތިން އަހަރުގެ މުއްދަތަށް ދައްކަން، އެ ކުންފުނިން ބްރޯޑްކާސްޓިން ރައިޓުސް ގަނެފި އެވެ.

ލަލީގާ، މީޑިއާ ނެޓްގެ އައިސް ޓީވީ އާއި އައިސް ސްޕޯޓްސް އަށް
ލަލީގާ، މީޑިއާ ނެޓްގެ އައިސް ޓީވީ އާއި އައިސް ސްޕޯޓްސް އަށް

ލަލީގާ ދައްކާނީ، މީޑިއާ ނެޓުގެ ކުޑައިގެ ދަށުން ހިންގާ ޗެނަލްތައް ކަމަށްވާ، "އައިސް ޓީވީ" އާއި "އައިސް ސްޕޯޓްސް" އިންނެވެ. އަދި މީޑިއާ ނެޓް މަލްޓީ ސްކްރީން އެޕް މެދުވެރިކޮށް ފޯނާއި ލެޕްޓޮޕާއި ޓެބްލެޓްސް އިން ވެސް ބެލޭނެ އެވެ. މީގެ އިތުރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ މެދުވެރިކޮށް އެމްއެސް ޓީވީން ވެސް ލަގީގާގެ މެޗުތައް ބެލޭނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

ރާއްޖޭގެ ގަޑިން މާދަމާ ރޭ ދަންވަރު 12 ޖަހާއިރު ފަށާ، ލަލީގާގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ކުޅޭނީ ވެލެންސިއާ އާއި ގެޓާފޭ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ނުކުންނާނީ ސެލްޓަ ވީގޯ އާ ދެކޮޅަށެވެ.

ވާދަވެރި ރެއާލް މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ ދަަންވަރު އެކެއް ޖަހާއިރު ނުކުންނާނީ ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށެވެ. އެފްސީ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 11 ޖަހާއިރު ނުކުންނާނީ ރެއާލް ސޮޮސިއެޑާޑް އާ ދެކޮޅަށެވެ. ސެވިއްޔާ ކުޅޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާއިރު ނުކުންނާނީ ރެއާލް ވަޔެކާނޯ އާ ދެކޮޅަށެވެ.

އާ ސީޒަނަށް ލަލީގާގެ ޓީމުތައް ތައްޔާރުވިއިރު، އެންމެ ބޮޑު ދެ ޓީމު ކަމަށްވާ މެޑްރިޑާއި ބާސާ އަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އޭގެ ތެރޭގައި ދެ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ސާޖިއޯ ރާމޯސް އާއި ލިއޮނެލް މެސީ ޕީއެސްޖީ އަށް ބަދަލުވުން ހިމެނެ އެވެ. ނަމަވެސް ބާސާ އިން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅުނު ސާޖިއޯ ކުން އަގުއޭރޯ އަލުން ލަލީގާ އަށް ގެންގޮސްފަ އެވެ. އަދި ކުރިން ބާސާގެ ޔޫތު ޓީމަށް ކުޅުނު ޑިފެންޑަރު އެރިކް ގާސިއާ އަދި އޮލިމްޕިކް ލިޔޯން އަށް ކުޅުނު މެންފިސް ޑި ޕާއީން ސޮއި ކުރުވައިފަ އެވެ.

ބަޔާން އަށް ކުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް އަށް ވަނީ ސޮއިކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގައި ލޯނު އެއްބަސްވުމުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސް އަދި އާސެނެލް އަށް ކުޅުނު ގެރެތު ބޭލް އާއި މާޓިން އޮޑެގާޑް މި ސީޒަންގައި އަނެއްކާ ވެސް ފެންނާނީ ރެއާލްއިންނެވެ.

މިދިޔަ މަހު ނިމުނު ކޮޕާ އެމެރިކާގައި ޗެމްޕިއަން އާޖެންޓީނާ ޓީމުން ފާހަގަ ކުރެވުނު ރޮޑްރިގޯ ޑި ޕޯލް އާއި ބްރެޒިލްގެ ފުލުމިނެންސޭގެ ޒުވާން ފޯވަޑް އެތުލެޓިކޯ އިން ވަނީ ސޮއި ކުރުވައިފަ އެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ސަރަހައްދަށް މިދިޔަ ތިން އަހަރު ލަ ލީގާ ދެއްކީ ފޭސްބުކް މެދުވެރިކޮށް ކަމަށް ވިޔަސް އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.