އެލައިޑުގެ އެޕާއި ހިލޭ ގުޅޭ ނަމްބަރު ތައާރަފްކޮށްފި
އެލައިޑުގެ އެޕާއި ހިލޭ ގުޅޭ ނަމްބަރު ތައާރަފްކޮށްފި

އެލައިޑް އިންޝުއަރެންސުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް ލިބޭ މޮބައިލް އެޕެއް ލޯންޗުކޮށް، އެ ކުންފުންޏާ ގުޅޭނެ ހިލޭ ގުޅޭ ނަމްބަރެއް ރޭ ތައާރަފްކޮށްފި އެވެ.

އެލައިޑުގެ އެޕާއި ހިލޭ ގުޅޭ ނަމްބަރު ތައާރަފްކޮށްފި
އެލައިޑުގެ އެޕާއި ހިލޭ ގުޅޭ ނަމްބަރު ތައާރަފްކޮށްފި

އައިފޯނާއި އެންޑްރޮއިޑް ފޯނުތަކަށް ވެސް އެޅޭ މި އެޕުގެ އިތުރުން، ހިލޭ ގުޅޭ ނަމްބަރު ތައާރަފްކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެ ކުންފުނިން ރޭ ބޭއްވި ހަފްލާއެއްގަ އެވެ. އެޕް ލޯންޗުކޮށްދެއްވީ އެލައިޑުގެ ޗެއާމަން މުހައްމަދު ރަޝީދު (ހިޔަލީ) އެވެ.

ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވި ގޮތުގައި މި އެޕް މެދުވެރިކޮށް އެލައިޑުން ދޭ އާއްމު އިންޝުއަރެންސްގެ ހިދުމަތްތަކާއި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްގެ ހިދުމަތްތައް ވެސް ހޯދޭނެ އެވެ. އެ ގޮތުން، އެއްގަމު އުޅަނދުގެ އިންޝުއަރެންސާއި ދަތުރުވެރިންނަށް ދޫކުރާ ޓްރެވަލް އިންޝުއަރެންސް ނަގައި އާކޮށް، ޕްލޭންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެއްގަމު އުޅަނދުގެ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ނިއުޝާދު ވިދާޅުވި އެވެ. އެކަން ތައާރަފްކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމާ އެކު، އުޅަނދުގައި ސްޓިކާ ތަތްކޮށްގެން އުޅުމުގެ ބަދަލުގައި އެލައިޑުގެ އެޕް މެދުވެރިކޮށް އެ އުޅަނދެއްގެ އިންޝުއަރެންސާ ބެހޭ މައުލޫމާތު ބަލައިލެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސްޓިކާއެއް ތަތްކޮށްގެން އުޅުމަކީ މި ޒަމާނުގެ ގޮތެއް ނޫން. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ފޯނުން މިކަން ވެސް ކުރެވޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒު،" ނިއުޝާދު ވިދާޅުވި އެވެ.

އެޕާ އެކު، އެލައިޑުން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ގުޅާނެ ނަމްބަރެއް ވެސް ތައާރަފްކޮށްފަ އެވެ. "ދިވެހިރާއްޖޭގެ އިންޝުއަރެންސް ނަމްބަރު"ގެ ނަމުގައި ތައާރަފްކުރި 1600 އަކީ ހިލޭ ގުޅޭ ނަމްބަރެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ލައިފް އިންޝުއަރެންސާއި ހެލްތު އިންޝުއަރެންސާއި ޓްރެވަލް އިންޝުއަރެންސާއި ބިދޭސީންގެ އިންޝުއަރެންސާއި ދޯނިފަހަރުގެ އިންޝުއަރެންސްގެ އިތުރުން، އަޔާދީ ތަކާފުލްގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްލޭންތަކެއް ދޫކުރާ ވިންޑޯއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.