ފުޑީސް: ކާނާ ޑެލިވަ ކުރުމުގައި ކާމިޔާބު އެއް އަހަރު
ފުޑީސް: ކާނާ ޑެލިވަ ކުރުމުގައި ކާމިޔާބު އެއް އަހަރު

ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިހާރު އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ކުރަނީ މޯބައިލް އެޕްލިކޭޝަނެއްގެ ޒަރީއައިންނެވެ. އެގޮތުން، ކާބޯތަކެތީގެ ޑެލިވަރީއަށް ހާއްސަކޮށްގެން މިދިޔަ އަހަރު ރާއްޖޭގައި ތައާރަފު ކުރި "ފުޑީސް" އެޕްލިކޭޝަން ވެގެންދިޔައީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަ ކޮށްދިން އެޕްލިކޭޝަނަކަށެވެ.

މިދިޔަ އަހަރުގެ ޖުލައި 15 ގައި ތައާރަފުކުރި މި އެޕްލިކޭޝަނަކީ ގިނަ ރެސްޓޯރެންޓުތަކެއްގެ މެނޫ ބަލައިލެވި، އެތަންތަނުން އޯޑަރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން ކާނާއަށް އޯޑަރު ކުރުމުން ފެށިގެން ކާނާ ތައްޔާރުކޮށް ޑެލިވަރީ ލިބެންދެން ލައިވް ޓްރެކް ކުރެވޭނެ އެވެ.

މީގެ އިތުރުން މި އެޕްލިކޭޝަނުގެ އެންމެ ހާއްސަ ކަމަކީ ކާނާ ބޭނުންވާ ދުވަހާއި ވަގުތެއް ސެލެކްޓު ކުރެވުމެވެ. މި ފީޗާގެ ސަބަބުން ހަފްލާއަކަށް ކާނާ ބޭނުން ވިނަމަވެސް ބޭނުންވާ ރެސްޓޯރެންޓަކުން ބޭނުންވާ ދުވަހަކަށް ކުރީ ބައިގައި އޯޑަރު ކޮށްލެވޭނެ އެވެ. އަދި ބޭނުންވާ ގަޑިއަކަށް ވަގުތުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ފުޑީސް ތައާރަފު ކުރިތާ އަހަރެއް ވެފައިވާއިރު އެ އެޕްލިކޭޝަނަށް ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފަ އެވެ. އެ އެޕްލިކޭޝަނުން މިހާރު 50 އަށްވުރެ ގިނަ ރެސްޓޯރެންޓުން ކާނާ އޯޑަރު ކުރެވޭނެ އެވެ. މީގެ ތެރޭގައި ޗީބޯ އާއި ސީހައުސް އާއި ތައިމް އާއި ގްލޯރިއާ ޖީންސް ފަދަ މަޝްހޫރު ރެސްޓޯރެންޓުތައް ހިމެނެ އެވެ.

މި އެޕްލިކޭޝަން ތައާރަފުކޮށް ޑެލިވަރީގެ ހިދުމަތް ފުރަތަމަ ފެށީ ހަމައެކަނި މާލޭގަ އެވެ. ނަމަވެސް މިހާރު ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ޑެލިވަރީގެ ހިދުމަތް ދެ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ ބޮޑެތި އަތޮޅުތަކާއި ރަށްތަކުގައި ވެސް ޑެލިވަރީގެ ހިދުމަތް ފުޅާ ކުރަން ރާވަމުންނެވެ.

ފުޑީސް ޓީމަކީ 100 ޕަސެންޓު ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ތަނެކެވެ. އެގޮތުން، ޑެލިބވަރީގެ ހިދުމަތާއި ކަސްޓަމާ ސާވިސް ގެ އިތުރުން ޓެކް އާއި މާކެޓިންގެ މަސައްކަތްތަކުގައި ވެސް އުޅޭނީ ދިވެހިންނެވެ.

ފުޑީސް އެޕްލިކޭޝަނަކީ ޑިޒައިނިން އަދި ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ލޫޕްކްރާފްޓް"' އިން އުފެއްދި އެޕްލިކޭޝަނެކެވެ.