28 ނޮވެމްބަރ 2016 - 07:27

ލަންޑަން (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން އާސެނަލް 3-1 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑް އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މޮޅާ އެކު އާސެނަލް ލީގުގެ ހަތަރު ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 13 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުގައި އާސެނަލްގެ ޗިލީ ފޯވާޑް އަލެކްސިސް ސަންޗޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ސަންޗޭޒް އެވެ. އަނެއް ލަނޑު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ތިއޯ ވޮލްކޮޓް އެވެ.
ބޯންމައުތުގެ ހަމައެކަނި ލަނޑު ޖެހީ ކަލުމް ވިލްސަން އެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން އެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މި ސީޒަނުގައި އާސެނަލް ބަލިވީ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން އެކަންޏެވެ. އެ ފަހުން ކުޅުނު 19 މެޗުން އެ ޓީމު ބަލިވެފައިނުވެ އެވެ.
ވެސްޓް ހޭމްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވިއިރު މިއީ ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު ޖެހިޖެހިގެން ހަތަރު މެޗުން އެއްވަރުވި ފުރަތަމަ ފަހަރެވެ. މި މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ވެސްޓް ހޭމް އަށް ލީޑުނަގައިދިނީ ޑިއަފްރޭ ސަކޯ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 21 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ދިން ބޯޅަ އަކުން ޒަލަޓަން އިބްރަހިމޮވިޗެވެ. މިއީ ސަސްޕެންޝަނަށް ފަހު އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ޔުނައިޓެޑަށް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ މެޗުގެ ފުރަތަމަ ހާފްގައި ބެންޗުން ފޮނުވާލުމުންނެވެ. މޮރީނިއޯ ބެންޗުން ފޮނުވާލީ ފައުލު ހޯދުމަށް ޕޮގްބާ ޑައިވްކުރުމުން ރެފްރީ އޭނާ އަށް ރީނދޫ ކާޑު ދެއްކުމާ އެކު މޮރީނިއޯ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ޓެކްނިކަލް އޭރިއާ ކައިރީގައި ހުރި ފެންފުޅިއަކު ފައިން ޖެހުމުންނެވެ.
މި މެޗުގެ ދެ ވަނަ ހާފްގައި ޔުނައިޓެޑް މޮޅުކޮށްދޭން އިބްރަހިމޮވިޗާއި މާކަސް ރަޝްފޯޑަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޔުނައިޓެޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސްޓް ހޭމް ކީޕަރު ޑަރެން ރަންޑޮލްފް ވަނީ މަތަކޮށްފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސްޓޯކް ސިޓީ ވަނީ 1-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. އަދި އެވަޓަން އަތުން ސައުތެމްޓަން މޮޅުވީ 1-0 އިންނެވެ.