12 އޯގަސްޓް 2021 - 11:51

އަފްގާނިސްތާނު ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތާލިބާން ޖަމާއަތުން، މާ ގިނަ ދުވަސްތަކެއް ނުވެ ވެރިރަށް ކާބުލް ހިފާނެ ކަމަށް، ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ އެމެރިކާ އިން ބުނެފި އެވެ.

ވޮޝިންޓަން ޕޯސްޓާއި ރޮއިޓާސް ނޫސް އޭޖެންސީން ބުނި ގޮތުގައި، މިހާރު ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އަދި ސަރުކާރު ސިފައިންގެ މައްޗަށް ތާލިބާނުން ހޯދަމުންދާ ކުރިއެރުންތަކަށް ބުރަވާއިރު، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި، ކާބުލްގެ ވަށައިގެންވާ ސަރަހައްދު ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، ގައުމުގެ އެހެން ސަރަހައްދުތަކާ ކާބުލް މުޅިން ވަކިކޮށްލާނެ އެވެ.
އެއަށް ފަހު ދެ މަސް ދުވަސް ތެރޭގައި، ތާލިބާނުން ކާބުލް އަށް ވަދެގަނެ، އެ ރަށް ހިފާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން އަންދާޒާ ކުރެ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތާލިބާނުން ވަނީ، އަފްގާނިސްތާނުގެ ނުވަ ޕްރޮވިންސެއްގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
މި ހުރިހާ ރަށްތަކެއް ވެސް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔައީ، އަފްގާނިސްތާނު އަސްކަރިއްޔާގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ ކޮމާންޑޯޒް ސިފައިންނާއި އެއްގަމު ސިފައިންނާ ހަނގުރާމަކޮށް ބަލިކުރުމަށް ފަހު އެވެ.
އެމެރިކާ އަސްކަރިއްޔާގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގެ ކަންތައް މިހާރު ބަދަލުވަމުން ދަނީ ކުރިން ލަފާކުރި ގޮތަކަށް ނޫނެވެ. ވަކިން ހާއްސަކޮށް، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން، ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށް، ސަރުކާރު ސިފައިންގެ މައްޗަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
އެމެރިކާ ސިފައިންގެ ތެރެއިން މިހާރު އަފްގާނިސްތާނުގައި ތިބީ، އެމެރިކާގެ ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިބި މަދު އަދަދެއްގެ ބައެކެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގައި ވެސް، އަފްގާނިސްތާނު ސަރުކާރު ސިފައިންނަށް މަދަދު ދިނުމުގެ ގޮތުން، އެމެރިކާ ސިފައިން ދަނީ ވައިގެ މަގުން، ތާލިބާނުންގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ.
ނަމަވެސް ތާލިބާނުންގެ ކުރިއެރުމަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ. އޭގެ އިތުރުން، ތާލިބާނުންގެ ހަނގުރާމަވެރިން މިހާރު ތިބީ އާންމުން ދިރިއުޅޭ އަވަށްތަކުގައި ކަމަށްވާތީ، އެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިން ބޭނުމެއް ނުވެ އެވެ.
ވިހި އަހަރަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން ތާލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު ދިޔަސް، އެމެރިކާ ސިފައިން ބޭލުމަށް ނިންމި ނިންމުމާ މެދު ދެރަ ނުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި އެވެ. ބައިޑެން ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށްޓަކައި މަސައްކަތް ކުރުމަކީ އެ ގައުމުގެ ރައްޔިތުންގެ އަމިއްލަ ޒިންމާއެކެވެ.
"ނިކަން ބަލާބަލަ، މިދިޔަ 20 އަހަރުގެ ތެރޭގައި ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް އަހަރެމެން ކޮށްފިން އަފްގާނިސްތާނަށް. އަހަރެމެން އެ ގައުމުގެ 300،000 އަށް ވުރެ ގިނަ ސިފައިންނަށް ތަމްރީން ދީ އެމީހުންނަށް ބޭނުންވާ އަސްކަރީ ސާމާނު ވެސް ފޯރުކޮށްދީފިން. އެހެންވީމާ، އަފްގާނިސްތާނުގެ ސިޔާސީ ވެރިން މިއަދު އެއްބައިވާން ވެއްޖެ. އަހަރެމެންގެ އެތައް ހާސް ބަޔަކު މަރުވެ އަދި އެތައް ހާސް ބަޔަކު ޒަހަމްވެއްޖެ އަފްގާނިސްތާނުގައި،" ނޫސްވެރިންނާ ބައްދަލުކުރައްވައި ބައިޑެން ވިދާޅުވި އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނަށް އަރައިގަތީ، ސެޕްޓެމްބަރު 11، 2001 ގައި އަލްގާއިދާ ޖަމާއަތުން، ނިއު ޔޯކް އާއި ވޮޝިންޓަނަށް ދިން ޓެރަރިސްޓް ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެއީ އޭރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން ދިޔަ ތާލިބާން ޖަމާއަތުން، އަލްގާއިދާ ޖަމާއަތުގެ ވެރިޔާ އުސާމާ ބިން ލާދިން އަށް ހިމާޔަތްދީ ރައްކާތެރިކޮށްގެން ގެންގުޅޭ ކަމަށް ބުނެ އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނަށް އެރުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ތާލިބާނުންގެ ވެރިކަން ވައްޓާލައި، މައި ރަށްތަކުން ތާލިބާނުންގެ ބާރު ކަނޑުވައިލި އެވެ. އެއާއެކު ތާލިބާނުންގެ ހަނގުރާމަވެރިން ފަރުބަދަމަތީ ސަރަހައްދުތަކަށް ވަދެ ރައްކާތެރިކަން ހޯދި އެވެ.
އޭގެ ސަބަބުން، 20 އަހަރު ވެގެން ދިޔައިރު ވެސް، ތާލިބާނުންގެ ބާރު ކަނޑުވައިލުމުގައި އެމެރިކާ އާއި ނޭޓޯ ސިފައިންނަށް ކާމިޔާބެއް ނުލިބުނެވެ. އެއާއެކު ވެސް، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މި އަހަރުގެ ކުރީކޮޅު ނިންމަވައި މިހާރު ވަނީ އޭގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން ފައިބައިފަ އެވެ.
"އަހަރެމެން އަފްގާނިސްތާނަށް ދިޔައީ، ސެޕްޓެމްބަރު 11 ގައި އަހަރެމެންނަށް ހަމަލާ ދިން މީހުންގެ މައްޗަށް އިންސާފު ގާއިމުކޮށް، އަފްގާނިސްތާނުގެ ބިން ބޭނުންކޮށްގެން އަހަރެމެންނަށް ހަމަލާ ދޭ މީހުންގެ އަމަލުތަކަށް ހުރަސް އަޅަން. މީގެ އަހަރުތަކެއް ކުރިން އަހަރެމެންނަށް އެކަން ކާމިޔާބު ވެއްޖެ،" ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ އިއްޔެ ވިދާޅުވި އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ކަމުގައި ވިޔަސް، ޓެރަރިޒަމާ ދެކޮޅަށް އަފްގާނު ސަރުކާރު ސިފައިން ހިންގާ ހަރަކާތްތަކުގައި އެމެރިކާގެ ވައިގެ ސިފައިންގެ އެހީތެރިކަން ދިނުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ.