ގެތައް ތަޅާލުން ފަސްކޮށްލަން އިޒްރޭލުގެ ކޯޓަކުން އަމުރުކޮށްފި
ގެތައް ތަޅާލުން ފަސްކޮށްލަން އިޒްރޭލުގެ ކޯޓަކުން އަމުރުކޮށްފި

ފަލަސްތީނު މީހުންގެ ގެތަކެއް ތަޅާލައި އެ ބިންތައް ހުސްކުރުމަށް، އިޒްރޭލް ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރުން އިތުރު ހަ މަސްދުވަހަށް މަޑުޖައްސައިލަން، ގުދުސްގައި ހުންނަ އިޒްރޭލުގެ ލޯކަލް އެފެއާޒް ކޯޓުން އަމުރުކޮށްފި އެވެ.

އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ސިލްވާންގައި ފަލަސްތީނު މީހުން ދިރިއުޅެމުން އަންނަ 100 އެއްހާ ގެ ތަޅާލަން އިޒްރޭލް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެ ނިންމުމާ ގުޅިގެން، އިޒްރޭލް ފުލުހުންގެ ހިމާޔަތާ އެކު ޔަހޫދީ ވަޒަންވެރިން ދޭތެރެ ދޭތެރެއިން އެ ގެތަކަށް ގެއްލުންދީ، އެ ގެތަކުގައި އުޅޭ މީހުންނަށް އަނިޔާކޮށް ހަދަ އެވެ.

އެ ގެތައް ތަޅާލަން އިޒްރޭލު ސަރުކާރުން ނިންމީ، އެއީ ބަންޑާރަ ބިންތަކެއްގައި، ހުއްދަ ނުނަގައި ގާނޫނާ ހިލާފަށް ހަދާފައި ހުރި ގެތަކެއް ކަމަށް ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު އިޒްރޭލު ކޯޓުން ކުރި ހުކުމުގައި، އިޒްރޭލު ސަރުކާރުން ކަނޑައަޅާފައިވާ ގެތައް ތަޅައިލުން ފަސްކޮށްލުމަށް އަމުރުކުރި ނަމަވެސް، ސަރުކާރުން ކަނޑައެޅި ގެތަކުގެ ތެރެއިން 16 ގެއެއް ވަގުތުން ތަޅާލުމަށް ވެސް ކޯޓުން ހުއްދަ ދިނެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން، ސިލްވާން އަވަށުގެ ރަށްވެހިންގެ ގާނޫނީ ވަކީލު ޒިއާދު ކަވާރު ވިދާޅުވީ އިޒްރޭލު ސަރުކާރާއި ކޯޓުގެ މި ނިންމުން، ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ވެސް ހުށަހަޅާނެ ކަމަށެވެ. އަދި ޑިޕްލޮމެޓިކް އޮފީސްތައް މެދުވެރިކޮށް، އިޒްރޭލުގެ އެ ނިންމުން ބަދަލުކުރުމަށް، އިޒްރޭލަށް ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތަޅާލުމަށް އިޒްރޭލު ސަރުކާރުން ނިންމި ގެތަކަކީ، ފަލަސްތީނު މީހުންގެ އަމިއްލަ ބިންތަކުގައި އިމާރާތްކޮށްފައިވާ ގެތަކެކެވެ. ނަމަވެސް، އިޒްރޭލު ސަރުކާރުގެ ހުއްދައާ ނުލައި އެ ބިންތަކުގައި އިމާރާތްތައް ހަދަން ޖެހުނީ، އިޒްރޭލު ސަރުކާރުން ހުއްދަ ހޯދުމަކީ ފަސޭހައިން ކުރެވޭ ކަމަކަށް ނުވާތީ ކަމަށާއި، އިމާރާތް ކުރުމަށް ފަހުގައި، އެކަމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިލްވާން އަވަށުން ތަޅާލަން ކަނޑައަޅާފައިވާ ގިނަ ގެތައް ހިމެނޭ، އަލް ބުސްތާން ކިޔާ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު މީހުން ބުނާ ގޮތުގައި، އެ އަވަށުގައި ފަލަސްތީނު މީހުންގެ ބިންތަކުގައި ގެދޮރު އިމާރާތް ކުރުމުގެ ހުއްދަ އަށް އެދި، ސިލްވާން އަވަށުގައި ހުންނަ އިޒްރޭލުގެ މުނިސިޕަލް އޮފީހަށް ހުށަހެޅި ހުރިހާ ހުށަހެޅުންތަކެއް، އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި، އެ އޮފީހުން ވަނީ ކެންސަލް ކޮށްފަ އެވެ. ހުއްދަ ދީފައިވަނީ ދެތިން އިމާރާތަކަށް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އިރުމަތީ ގުދުސަކީ، 1967 ވަނަ އަހަރު އިޒްރޭލާއި އަރަބިންނާ ދެމެދު ހަ ދުވަހުގެ ހަނގުރާމައިގަ ހިނގި އިރު، ޖޯޑަންގެ ބެލުމުގެ ދަށުގައި އޮތް ބިމެކެވެ. އިޒްރޭލުން އިރުމަތީ ގުދުސް ހިފީ އެ ހަނގުރާމައިގައި އަރަބިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެއަށް ފަހު، އިރުމަތީ ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށް، އިޒްރޭލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އެކަމަށް ދެކޮޅު ހަދަ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށް ވެސް، އިޒްރޭލުން ވަނީ އިރުމަތީ ގުދުސަކީ، މުސްތަގުބަލުގައި އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައިފަ އެވެ.

އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގައި، އިޒްރޭލު ސަރުކާރުން ޔަހޫދީން ވަޒަންވެރި ކުރަން ފެށީ، 1980ގެ އަހަރުތަކުގަ އެވެ. އިޒްރޭލުން މިހާރު ރާވާފައި އޮތީ، ސިލްވާން އަވަށުގެ އަލް ބުސްތާނު ކިޔާ ސަރަހައްދުގައި ހުރި ގެތައް ތަޅައިލުމަށް ފަހު، ދާވޫދުގެފާނުގެ ހަނދާނުގައި އެ ތަނުގައި ޕާކެއް ބިނާ ކުރުމަށެވެ.

ސިލްވާން އަވަށުގައި ފަލަސްތީނުގެ ބައި ލައްކައެއްހާ މީހުން ދިރިއުޅޭ އިރު، އެ އަވަށުގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ އަދަދު ހާހަކަށް ވެސް ނާރަ އެވެ. ނަމަވެސް އެ މީހުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި، އިޒްރޭލު ފުލުހުންގެ ވަރުގަދަ ފައުޖެއް އެ ސަރަހައްދުގައި އަބަދުވެސް އޮވެ އެވެ. އަދި ބައެއް ޔަހޫދީންނަށް ވަނީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް ދީފަ އެވެ.

ސިލްވާން އަވަށުގެ ގެތައް ތަޅައިލުން ފަސްކޮށްލުމަށް ގުދުސްގެ ލޯކަލް އެފެއާޒް ކޯޓުން މި ނިންމީ، އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް އަވަށުގެ ހަތަރު އާއިލާއެއް ދިރިއުޅޭ ގެތަކެއް ތަޅައިލުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށް، އިޒްރޭލުގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

ޝައިޚް ޖައްރާހް އަވަށުގެ ގެތަކެއް ތަޅާލަން ދަށު ކޯޓުން ނިންމި ނިންމުމާ ގުޅިގެން، ފަލަސްތީނު މީހުންނާއި ޔަހޫދީ ވަޒަންވެރިންނާ ދެމެދު، މިދިޔަ މެއި މަހު އުފެދުނު ހަމަނުޖެހުންގަނޑު، ނިމުމަކަށް އައީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އިޒްރޭލާ ދެމެދު، 11 ދުވަހަށް ދެމިގެން ދިޔަ ވަރުގަދަ ހަނގުރާމަ އަށް ފަހު އެވެ.