ހުކުމް ތަންފީޒު ކުރަން އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުން ގާތުގައި އެދޭނަން: ކަރެކްޝަންސް
ހުކުމް ތަންފީޒު ކުރަން އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުން ގާތުގައި އެދޭނަން: ކަރެކްޝަންސް

ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވި މައްސަލައިގައި ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުން ގާތުގައި އެދޭނެ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވާޓީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، އަލީ ވަހީދު، ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އިއްޔެ އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް، އަލީ ވަހީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމުން އޭނާގެ ހުކުމް ތަންފީޒު ކުރާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ކުށްވެރިން ބަދަލު ކުރެވޭ ފަދަ އެކްސްޓްރެޑިޝަން އެއްބަސްވުމެއް ނޯވެ އެވެ.

ހުކުމް ތަންފީޒު ކުރުމުގެ ޒިންމާ މަތިވާ ކަރެކްޝަންސްގެ އެންމެ އިސްވެރިޔާ، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "މިހާރު" އަށް ވިދާޅުވީ، އަލީ ވަހީދު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންނަން އެދޭނީ ފުލުހުން ގާތުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކަރެކްޝަންސްގެ ބާރު ނެތް ސަރަހައްދެއްގައި ތިބޭ މީހުންގެ ހުކުމް ތަންފީޒު ކުރުމަށް ގެނައުމުގައި އަމަލު ކުރާ ގޮތަކީ އެއީ އެވެ.

"އަޅުގަނޑުމެންގެ އާންމު އުސޫލަކީ އަަޅުގަނޑުމެންގެ ތަންތަން ނުހުންނަ ތަނެއްގައި ހުންނަ މީހަކަށް ހުކުމެއް ކޮށްފިއްޔާ ފުލުހުންގެ އެހީތެރިކަމަށް އެދެނީ އެ މީހަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްދޭން. އެގޮތަށް އަލީ ވަހީދުގެ މައްސަލައިގައި އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާކޮށްފައި އޮއްވައި، މީހަކު ޖާމިނުކޮށްފައި ހަތަރު މަހަށް ރާއްޖެއިން ބޭރަށް ދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ.

ޕާސްޕޯޓު ދޫކޮށްލި ދުވަހު އޭނާ ފުރާވަޑައިގެންނެވި ގޮތަށް، ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވި ފަހުން ވެސް އަނބުރާ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް، އޭނާ ޖާމަނިކޮށްފައި ދިޔަ އަސްހަދު އަލީ އަށް ކޯޓުން ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

އަލީ ވަހީދު އަނބުރާ ވަޑައިނުގަތުމުން، އަދި އޭނާ އުޅޭ ތަނެއް ނޭނގޭތީ ޗިޓު ހަވާލު ނުކުރެވެމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލަ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމީ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

ޝަރުތާ ހިލާފުވި ނަމަވެސް، ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދަށް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭ ގޮތް ވެސް ގާޒީ ހަސަން ސައީދު ހަމަޖައްސަވައިދެއްވި އެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ އަޑުއެހުމަށް ވެސް އަލީ ވަހީދު ހާޒިރުވެވަޑައިނުގެންނެވި އެވެ. ހައި ކޯޓުން ނިންމީ އެ މައްސަލަ ބޭރުކޮށްލާށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދެވަނަ ފަހަރަކަށް ޕީޖީ އޮފީހުން އެދުމުން އެފަދަ އަމުރެއް ގާޒީ ހަސަން ސައީދު ނެރެނުދެއްވި އެވެ. އެ ނިންމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ޕީޖީ ހުސެއިން ޝަމީމް ވަނީ އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އަލީ ވަހީދަށް ޗިޓު ހަވާލު ކުރި އެވެ. އެކަމަކު، އޭނާ އަޑުއެހުމަށް ވަޑައިގެންފައި ނުވާތީ، އެއީ އެ ކޯޓުގެ ހުުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ކޯޓުތަކާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލި ހިނގައިދާނެ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންްމުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމަށް އޭނާ ހާޒިރު ކުރުމަށް ސުޕްރީމް ކޯޓުން ވެސް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބަ އޮތެވެ.