"ބްލޮކް ވެރިޔާ" އިންތިހާބު އޮކްޓޫބަރު 30 އަށް ފަސްކޮށްފި
"ބްލޮކް ވެރިޔާ" އިންތިހާބު އޮކްޓޫބަރު 30 އަށް ފަސްކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކޮންމެ ބްލޮކަކަށް ވެރިއަކު ހަމަޖެއްސުމަށް ބާއްވާ "ބްލޮކް ވެރިޔާ" ގެ އިންތިހާބު އަންނަ އޮކްޓޫބަރު މަހުގެ 30 އަށް ފަސްކޮށްފި އެވެ.

އެންމެ ފުރަތަމަ މި އިންތިހާބު ބާއްވަން ނިންމީ އޮކްޓޫބަރު 9 ގަ އެވެ. މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ މި އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 16 ގެ ނިޔަލަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއީ އެއްވެސް މުސާރައެއް ކަނޑައަޅާފައިވާ މަގާމެއް ނޫނެވެ.

އިންތިހާބަށް ކުރިމަތިލެވޭނީ އެ ބްލޮކެއްގައި ދިރިއުޅޭ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އެ މީހަކީ ވައްކަން، ޓެކުން، ފޭރުން އަދި ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައި މީހަކަށް ވެގެންނުވާނެ އެވެ. މީގެ އިތުރުން، މީހަކަށް ނުވަތަ ކުޑަކުއްޖަކަށް، ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހަކަށް ނުވުމާއި ތަހުގީގީ މަރުހަލާގައި ހުރި މީހަކަށް ނުވުން ވެސް ހިމެނެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި، ސިޓީ ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، ހުކުމް ތަންފީޒު ކުރިތާ ތިން އަހަރު ފާއިތުވެފައިވުން ހިމެނެ އެވެ. މީގެ އިތުރުން، އިންތިހާބުކުރެވޭ އެހެން މަގާމެއްގައި ހުރި މީހަކަށް ނުވުމާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމަކީ ވެސް މި އިންތިހާބަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތެކެވެ.

ބްލޮކުތަކަށް ވެރިން ހޮވަން ނިންމާފައިވާކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ގަލޮޅުގެ ރައްޔިތުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގަ އެވެ. އެ މަގާމަށް ހާއްސަކޮށް އުސޫލެއް ހަދައި، ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ބްލޮކްތަކުގެ ވެރިންގެ މަގާމު އުފައްދާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދޭން، ބްލޮކްގެ ރައްޔިތުންގެ ފަރާތުން ކައުންސިލަރާއި މޭޔަރަށް އެންމެ ފަހުގެ މައުލޫމާތު އަވަހަށް ދޭން ކަނޑައަޅާ މީހެއް ކަމަށެވެ.

ބްލޮކްގެ ވެރިން ހޮވުމުގެ އިތުރުން ކޮންމެ އަވަށަކަށް ބޯޑެއް އިންތިހާބު ކުރަން ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެކަން ކުރަން ނިންމާފައި ވަނީ ބްލޮކްގެ ވެރިން ހޮވުމަށް ފަހު އެވެ.