ލަ ލީގާ އިން ހިއްސާ ވިއްކަން ނިންމީ ގަވާއިދާ ހިލާފަށް: ރީފް
ލަ ލީގާ އިން ހިއްސާ ވިއްކަން ނިންމީ ގަވާއިދާ ހިލާފަށް: ރީފް

މެޑްރިޑް (އޯގަސްޓް 12) - ލަ ލީގާގެ 10 ޕަސެންޓް ހިއްސާ ސީވީސީ ކެޕިޓަލް ޕާޓްނާސް އަށް ވިއްކާލުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑެރޭޝަން (ރީފް) އިން ބުނެފި އެވެ.

ލަގްޒަމްބާގްގައި މައި އޮފީސް ގާއިމުކޮށްފައިވާ ސީވީސީ ކެޕިޓަލްއިން ވަނީ ލަ ލީގާގެ ހިއްސާ ގަތުމަށްޓަކައި 3.1 ބިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމައިފަ އެވެ. ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާ ރީފްއާ ވަކިން ހިންގާ ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ ސީވީސީއާ އެކު ވެވިފައިވާ އެއްބަސްވުން ދިފާއު ކުރައްވައިފަ އެވެ.

އެ އެއްބަސްވުމަށް ރަސްމީ ސިފަ ލިބިގެންދާނީ ލަ ލީގާގެ މެންބަރުންގެ ތެރޭގައި ހިމެނޭ 42 ކްލަބުގެ ތެރެއިން ތިން ބައިކުޅަ ދެބައިގެ ވޯޓް ލިބުމުންނެވެ. މިއަދު ބާއްވާ ކޮންގްރެސްގައި އެކަން ފާސް ކުރުމަށް ވޯޓް ނަގާނެ އެވެ.

ރީފް އިން ބުނީ އެ އެއްބަސްވުން ގަވާއިދާ ހިލާފު ވަނީ ތިން ވަނަ ފަރާތެއްގެ ޕްރޫފް ޑޮކިއުމެންޓް ނެތި ވެފައިވާ އެއްބަސްވުމަކަށް ވާތީ ކަމަށެވެ. އެ އެއްބަސްވުން ހެދުމުގެ ކުރިން ސްޕެނިޝް ނެޝަނަލް ލީގު ބޮޑީން އެކަން އެޕްރޫވް ކުރަން ޖެހޭނެ ކަމަށް ރީފުން ބުނެ އެވެ.

ސީވީސީ އާއި ލަ ލީގާއާ އެކު އެއްބަސްވުން ހެދި ފަހުން ސީވީސީ އާ ގުޅިގެން ބޮޑެތި ފައިސާގެ ޑީލްތަކެއް ހަދަމުންދާ ކަމަށް މީޑީއާތަކުން ބުނެ އެވެ. ރޮއިޓަސް އިން ބުނެފައި ވަނީ ގްލޯބަލް ބޭންކެއް ކަމަށްވާ ގޯލްޑްމަން ސަކްސްއިން ސީވީސީ އަށް އެއް ބިލިއަން ޔޫރޯ (1.17 ބިލިއަން ޑޮލަރު) ގެ ލޯނެއް ދޭން އުޅޭ ކަމަށެވެ.

ރީފް އިން ބަޔާން ނެރުނީ، ލަ ލީގާ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ރެއާލް މެޑްރިޑުން ބުނިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ސީވީސީ އާއި ލަ ލީގާގެ އެއްބަސްވުމާ ރެއާލް އާއި ބާސެލޯނާ ވެސް ދެކޮޅެވެ.