ހިޔާގެ ފްލެޓް: ޑިސެމްބަރާ ހަމައަށް މަހުގެ ކުލި ނުނަގާނެ
ހިޔާގެ ފްލެޓް: ޑިސެމްބަރާ ހަމައަށް މަހުގެ ކުލި ނުނަގާނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ޓަކައި، ޑިސެމްބަރު މަހާ ހަމައަށް ކުލި ނުނަގަން ނިންމައިފި އެވެ.

ފަންސަވީސް ބުރީގެ 16 ޓަވަރު ހިމެނޭ މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީގެ ކުރިން ނިންމާފައި ވަނީ ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ތިން މަސް ދުވަހުގެ ކުލި ނުނަގަން ނިންމައިފަ އެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ތިން މަސް ތެރޭގައި ނުނިންމޭނެ ކަމުގެ ޝަކުވާތައް އައުމުން އެކަމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން މިހާރު ވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ކުލި ނުނަގަން ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތަށް ހެދުމުން ވެސް ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހޭ. އެއީ ވަރަށް ބޮޑު ދައްޗަކަށް ވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ފްލެޓުގެ ފިނިޝިން މަސައްކަތް ކުރަން ހުއްދަ ދޭން ނިންމާފައި ވަނީ ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތާއި ކަރަންޓު ލުމުގެ މަސައްކަތް ނިމުމުންނެވެ. އެއްބަސްވުންތަކުގައި ސޮއިކޮށް މީހުންނާ ތަޅުދަނޑި ހަވާލުކުރަން ރާވާފައިވާ އެންމެ ފަހު ތާރީހަކީ މި މަހު 18 އެވެ.

ފްލެޓަށް ބަދަލުވާ ފަރާތްތަކުން ފިނިޝިން މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ލުއި ލޯނެއް ދޫކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ލޯނަށް ހުށަހަޅާ ހުރިހާ ފަރާތްތަކަށް އެ ފައިސާ ހަމަޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އެ ލޯނަށް ޝަރުތު ހަމަ ނުވާ ގިނަ ބަޔަކު ތިބި ކަމާއި އޭގެ ގެއްލުން ބޮޑުވާނެ ކަމުގެ ޝަކުވާތައް ވެސް ހިޔާ ފްލެޓު ލިބުނު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި ހިޔާ ފްލެޓަށް ދައްކަން ޖެހޭނީ 8،500ރ. އެވެ.