އަފީފް ދެއްކެވި ވާހަކައިގެ މައްސަލަ ބަލައި، އެފަދަ ވާހަކަ ހުއްޓުވަން އެދުނިން: ރައީސް
އަފީފް ދެއްކެވި ވާހަކައިގެ މައްސަލަ ބަލައި، އެފަދަ ވާހަކަ ހުއްޓުވަން އެދުނިން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަން ވެސް އެނގިވަޑަައިނުގަންނަވާ ކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވުުމުން އެ މައްސަލަ ބައްލަވަން އެދިވަޑައިގެންނެވި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ވާހަކަ ދެއްކުމުން އެކަން ބެލުމަކީ އިސްލީޑަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހަސަން އަފީފް ދެއްކެވި ވާހަކައާ ބެހޭ ގޮތުން އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޗެއާޕާސަން ހަސަން ލަތީފާ ވެސް ވާހަކަ ދައްކަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޚުދު ހަސަން އަފީފާ ވެސް އެ ވާހަކަ ދައްކަވާފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.

"އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން، އަޅުގަނޑު ދެންނެވިން އަޅުގަނޑާ ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި ލިޔެފައި. މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މި ވާހަކަ އިއްޒަތެރި މެމްބަރު ހަސަން އަފީފް ވިދާޅުވިތޯ ބަލައްވާށޭ. ބައްލަވާފައި މިކަހަލަ ކަންތައް ވިޔަދީގެނެއް ނުވާނޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ތެރޭގައި މައްސަލަ އުފެދޭ އެފަދަ ވާހަކަތަކުގެ ތެރެއިން ހަސަން އަފީފް ފަދަ އިސް ބޭފުޅުން ވެންނެވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯއޭ މިހާރު،" ރައީސް ވިދާޅުވި އެވެ.

އެގޮތަށް ކަންތައް ކުރެއްވީ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީ އެކަތިގަނޑަަކަށް ހައްދަވަން މަސައްކަތް ކުރެއްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި އަފީފު ރޭ ވިދާޅުވީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ރައީސް އެންގެވީ ރައީސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަދަ ވާހަކައެއް ދެއްކެވުމުން ކަމަށެވެ. އެހެން ނަމަވެސްް އެއީ ސީދާ ކޮން ވާހަކައެއް ކަމެއް ވިދާޅުނުވެ އަފީފް ވިދާޅުވީ "ކުރީ ރޭ ދެއްކި ވާހަކަ" ކަމަށެވެ.

އަފީފް އެ އިޝާރާތް ކުރައްވަނީ ރައީސް އަކީ އަދާލަތު ޕާޓީގެ މެންބަރެއްތޯ ސުވާލު އުފެދޭ ގޮތަށް ޓީވީ ޗެނަލްއެއްގައި އޭނާ ދެއްކެވި ވާހަކައަށެވެ.

"ދެން އަނެއްކާ ކުރީ ރޭ ބުނި އެއްޗަކުން މިހިރީ ޕާޓީގެ ފަރާތުން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް އަންގާފައި. އެހެންވީމާ މިރޭ އަނެއްކާ ނޭނގޭ ކޮންކަހަލަ ފިޔަވަޅެއްކަން ވެސް އަޅަން އަންގާނީ،" އަފީފް ވިދާޅުވި އެވެ.

އަފީފަށް ފިޔަވަޅު އަޅަން ރައީސް އެންގެވީ ކޮން އިރަކުތޯ ސުވާލުކުރުމުން އަފީފް ވިދާޅުވީ އެންގެވީ ކޮން އިރަކުކަން އެނގިވަޑައިނުގަަންނަވާ ކަމަށާއި އެހެން ނަމަވެސް އޮތީ އަންގަވާފައި ކަމަށެވެ.

"އަޅުގަނޑަށް އެނގެނީ އަންގަވާފައި އޮތްކަން. އެހެންވެ ކަންނޭނގެ ޕީޖީ ލީޑަރު (އަލީ އާޒިމް) އޮތެއް ނޫންތޯ ޓްވީޓްކުރައްވާފައި، އެމްޑީޕީގެ ޕާލަމެންޓް މެމްބަރަކު، ނުބުނާނޭ އެހެންނެއް،" އަފީފް ވިދާޅުވި އެވެ.

ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވި ހަބަރާ އެކު އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު އެހެން ވިދާޅުނުވާނެ ކަމަށެވެ.