11 އޯގަސްޓް 2021 - 18:58

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާއެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން، އެ މަނިކުފާނު ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ ކުރިން ވެސް ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެއް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަަބުން ކުރިިމަތިވި އިގްތިސާދީ ދަތިކަމާ ހެދި އެ ކުންފުނީގެ ހާލަތު ރަނގަޅު ނުވި ކަމަށެވެ.
"ގައުމީ އެއާލައިން ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން، ޖޮއިންޓް ވެންޗާއެއް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުން ސަބްސިޑީ ދީގެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށްޓަކައި އައިލެންޑްއޭވިއޭޝަން ދަމަހައްޓަކަން ޖެހެ އެވެ. އެކަމަކު ބޭރުގެ ބައެއް ފަރާތްތަކާ އެކީގައި މަޝްވަރާތައް ކުރަމުން ގެންދަނީ ބައިނަލްއަގްވާމީ ދަތުރުތަކުން ފައިދާ ލިބޭ ފަދަ ދިމާާލަކަށް އެ ކުންފުނި ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެތެރޭގެ ދަތުރުފަތުރުގެ ނިޒާމެއްްގެ ގޮތުގަައި ގައުމީ އެއާލައިނެއް އޮންނަން ޖެހޭ ކަަމަށާއި އެއީ އޭގެ ސަބަބުން ނުސީދާ ގޮތެއްގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖޮއިންޓް ވެންޗާއެއް ހަދަން ސަރުކާރުން މަޝްވަރާކުރަމުން ގެންދަނީ ރައީސް ވިދާޅުވިގޮތުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކާ އެވެ. އެކަމަކު އެއީ ކޮންކޮން ގައުމުތަކެއްކަން އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.
"ދެ ފަރާތަކާ އެކީގައި މަޝްވަރާ ކުރެވެމުން ދަނީ،" ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން މުޅި ދުނިޔޭގައި ވެސް އެޅި ފިޔަވަަޅުތަކާ އެކު ވައިގެ ދަތުރުފަތުގެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެކަމުގެ ސަބަބުން ގިނަ ގައުމުތަކެއްގެ އެއާލައިންތަކަށް މާލީ ބޮޑެތި މައްސަަލަތައް ކުރިމަތިވި އެވެ.