11 އޯގަސްޓް 2021 - 16:32

އެ މަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށާއި އެކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދަވާ މީޑިއާ ބްރީފިންގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަން ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ކޮންމެ ސަރުކާރަކަށް ވެސް ވަރަށް މުހިންމު ވާނެ ކަމަށާއި އެ ބާރު ނެތި ވެރިކަން ކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރީ އެ އުނދަގޫތަކާއެކު ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ފަހުކޮޅު ވެސް އެ ދަތިތައް ކުރިމަތިވެވަޑައިގެންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ޔާމީނަށް ކުރިމަތިވެވަޑައިގަތެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތައް [ޔާމީނަށް] ކުރިމަތިވެވަޑައިގެންނެވި. ވަޑައިގަންނަވަން ޖެހުނީ މުޅިން އެހެން މަގަކުން ދެން. އެހެންވީމާ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މިހާ އޮމާންކޮށް މި ސަރުކާރު ހިންގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވެނީ ވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން ކަމަށެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޮށްފައި ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ދެ ފެކްޝަނެއް އުފެދި، ކޮންމެ ފެކްޝަނަކުން ވެސް މިހާރު ގެންދަނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު އަދި އިސްކަން ދެއްވަނީ ރައްޔިތުންނަށް ވީ ވައުދު ފުއްދަން ކަމަށެވެ.
"ބައިވަރު މަސައްކަތް އެބަހުރި ކުރަން. ދޮޅު އަހަރު އަޅުގަނޑުމެންގެ އަތުން ގެއްލިގެން ހިނގައްޖެ. އެހެންވީމާ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އާއި މާލޭގެ ކަނެކްޓިވިޓީ، ބްރިޖުގެ މައްސަލަ އާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ނިންމުން އެއީ އަޅުގަނޑުގެ އެންމެ މުހިންމު އަމާޒަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި ހިޔާލު ތަފާތުވުންތަކާއި އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަނާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ސިޔާސީ ބައެއް ކަންކަމުގައި ނަޝީދާ ހިޔާލު ތަފާތުވާ ކަމަށެވެ. ނަޝީދު ވެރިކަމުގައި ހުންނެވިއިރު ވެސް ނިންމަވާ ނިންމެވުންތަކާ ގުޅިގެން އެ ހިޔާލު ތަފާތުވުންތައް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުށަހަޅުއްވާ ނުވަތަ ހިޔާލު ދެއްވާ ގޮތާ ތަފާތުކޮށް ވެސް ނަޝީދުގެ ވެރިކަމުގައި ކަންކަން ނިންމެވި ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު އެ ކަންކަމުގައި ދެކޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކުރަމުން ގެންދަން. ހަމަ އެގޮތަށް މި ވަގުތު ވެސް މިހާރު ވެސް އަޅުގަނޑު ނިންމާ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދު ހިޔާލު ތަފާތުވޭ،" ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލައި އަޅުގަނޑަށް ލިބިފައި ހުންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އެހެންވީމާ ބައެއް ފަހަރު އެ ހިޔާލު ތަފާތުވުންތައް އާދޭ."