ނަޑެއްލާގައި ކޮވިޑްގެ ކޭސްތައް ދަށްވުމުން، ރަށު ބަންދު އުވާލަން ސާމްޕަލް ނަގައިފި
ނަޑެއްލާގައި ކޮވިޑްގެ ކޭސްތައް ދަށްވުމުން، ރަށު ބަންދު އުވާލަން ސާމްޕަލް ނަގައިފި

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި، ގދ. ނަޑެއްލާގައި ކޭސްތައް ދަށްވުމުން، "ރަށު ބަންދު" އުވައިލުމަށް ރެންޑަމް ސާމްޕަލްތައް އިއްޔެ ނަގައިފި އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު "މިހާރު" އަށް ވިދާޅުވީ ކޭސްތައް ދަށްވާން ފެށުމުން 94 ސާމްޕަލެއް އިއްޔެ ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތައް ޓެސްޓު ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"ރަށުގެ އާންމު ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅު،" އަންޝައު ވިދާޅުވި އެވެ.

ނަޑެއްލާ އިން އިއްޔެ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، މިހާރު އެ ރަށުގައި އެކްޓިވް ކޭސްތައް ހުރީ 18 ގަ އެވެ. މިހާތަނަށް 213 މީހަކަށް ބަލި ޖެހިފައިވާއިރު 188 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.

ނަޑެއްލާ އިން ކޮވިޑް ޖެހިފައިވާ މީހަކު ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު، ހާލު ބޮޑުވެގެން ގދ. ތިނަދު އަށް ގެންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ފަރާތުންނެވެ. އޭގެ ފަހުން ހަފުތާއެއްވީ އިރު، ނަޑެއްލާގައި ކޮވިޑް ކޭސްތައް 100 އިން މައްޗަށް ދިޔަ އެވެ.

ޖުމުލަކޮށް، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން މިދިޔަ ބޮޑު އީދު ބަންދާ ދިމާކޮށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. އަދި ވެކްސިންގެ ޕްރޮގްރާމް ފުޅާކޮށް، އިތުރު ލުއިތައް މިހާރު ވެސް އަންނަނީ ދެމުންނެވެ.