11 އޯގަސްޓް 2021 - 15:08

ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ކޮށް، އެ މީހުންގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުގައި ދާންދޫން ހަތަރު މީހެއްގެ ފޯނު ހިފެއްހެއްޓީ ރޭގެ ވަގުތެއްގަ އެވެ. އެ މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ހަތަރު މީހުންގެ ތެރެއިން އެކަކީ ކައުންސިލްގެ ރައީސް ކަމަށް "މިހާރު" އަށް ކަށަވަރުވި ނަމަވެސް މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ނަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ހިންގަން އުޅުނު އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ބަޔަކަށް ދިން ކަމުގެ ތުހުމަތު ކައުންސިލްގެ ރައީސްގެ މައްޗަށް ކުރިއެއް ކަމަކު އެކަމާ ގުޅިގެން އޭނާގެ ބަހެއް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.