05 ޖޫން 2016 - 13:30

ގޭންގުތަކުގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމުގެ ބޭނުމުގައި ދ. ވާނީގައި ހެދި ތަނަށް 50 ކުދިން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި އަންނަ ހުކުރުދުވަހު ބޭނުންކުރަން ފަށާ އެތަނަށް، މައިންބަފައިންގެ ރުހުމުގައި ދާނެ 23 ކުއްޖަކު މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
"މައިންބަފައިންގެ ރުހުން ނުލިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނީ ކޯޓު އަމުރެއްގެ ދަށުން. ކުދިން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެއް. އެކަމަކު އެ ޒިންމާ އެމީހުންނަށް އަދާނުކުރެވުނީމާ، ދައުލަތަށް އެބަ ޖެހޭ އެ ކުދިން ނަގައިގެން ކުދިން ރަނގަޅު ކުރަން. އެ ޒިންމާ ދައުލަތުން މި ނަގަނީ،" އުމަރު ވިދާޅުވި އެވެ
"މި ޒިންމާ ނަގާކަށް ބެލެނިވެރިންގެ ރުހުމެއް ބޭނުމެއް ނުވާނެ. ކޯޓު އަމުރެއްގެ ދަށުން އެކަން ކުރެވޭނެ."
ގޭންގްތަކަށް ނިސްބަތްވާ ކުދިން އިސްލާހު ކުރުމަށްޓަކައި ވާނީ ކޭމްޕްގައި ދެ މަސް ދުވަހު ބައިތިއްބާނެ އެވެ. އޭހެ ފަހުން ހަ މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި އެ ކުދިން ބައިވެރި ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ގޭންގްތަކުގެ އިސް މީހުންގެ މައްޗަށް މޮނިކޮން ގާނޫނު ހިންގައި އަދި އެމީހުންގެ ފައިގައި ޓެގް އަޅުވަމުން ދިޔަ ނަމަވެސް، ގޭންގްތަކުގައި އުޅޭ ކުޑަކުދިންނަށް އެ ޕްރޮގްރާމެއް ނުހިންގަ އެވެ.
"ކުޑަކުދިން ވީމާ ހާއްސަ އުސޫލުތަކެއްގެ ތެރެއިން އެ ކުދިން އިސްލާހު ކުރާނީ. ކުޑަކުދިންގެ ފައިގައި ޓެގެއް އަޅުވާ ގޮތަކަށް ނޫން އަޅުގަނޑުމެން ހަމަޖައްސާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ގޭންގްތަކަށް ނިސްބަތްވާ ކުޑަކުދިން އިސްލާހުކުރަން ވަކި ރަށަކަށް ގެންދާއިރު، މިދިޔަ ހުކުރުދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ދެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ގޭންގްތަކުގެ އިސް ލީޑަރުންގެ ފައިގައި ޓެގް އެޅުވުމުގެ ނަތީޖާ ރަނގަޅެވެ.
"އެކަމަކު ބޮޑު ގޭންގްތަކަށް ބޮޑު ފައިޓެއް ދެވޭނީ ކުޑަކުދިން އިސްލާހު ކުރުމުގެ ޕްރޮގްރާމް ވެސް ފުރިހަމަވެގެން،" އޭނާ ވިދާޅުވި އެވެ.