ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ދޮޅު މަހެއްހާ ދުވަސް ފަހުން އެ މަނިކުފާނު ބާއްވަވާ މީޑިއާ ބްރީފިން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މިދިޔަ ދުވަސްތަކުގައި ރައީސް އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް މިއަދުގެ ބްރީފިން އޮންނާނީ މިހާރު ދީފައިވާ ލުއިތަކާއެކު "ނިއު ނޯމަލް" ގެ މިންގަނޑުތަކަށް ފައްތައިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޫން 29 އަށް ފަހު މީޑިއާ ބްރީފިންއެއް މިއަދު ބާއްވަވާއިރު، އެ މަނިކުފާނު އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި މިދިޔަ ދުވަސްތަކުގައި ކޯޅުން ބޮޑުވެ، ދެ ފެކްޝަންގެ މެމްބަރުންގެ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ ބަދަލުކުރައްވައިފަ އެވެ. ހާއްސަކޮށް ރައީސާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލަން ނިންމެވިކަން ނަޝީދު އިއުލާން ކުރެއްވި އެވެ. ނަމަވެސް މި ހުރިހާ ހިޔާލު ތަފާތުވުންތައް އުފެދި ސީދާ ރައީސަށް އަމާޒު ކުރައްވައި ނަޝީދު ބަހުގެ ހަމަލާތަކެއް ދެއްވިޔަސް ރައީސް މިހާތަނަށް ހުންނެވީ ހިމޭނުންނެވެ.