ލޯ ސަލާމަތް ވާނެ އަވި އައިނެއްގެ ސިފަތައް
ލޯ ސަލާމަތް ވާނެ އަވި އައިނެއްގެ ސިފަތައް

ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ އަވިއައިނަކުން ލޮލަށް ރައްކާތެރިކަން ލިބެނީ އެ އައިނެއްގެ ބިއްލޫރިގަނޑު ވީހާވެސް އަނދިރިކޮށް ހުރުމުން ކަމަށެވެ. އެކަމަކު މާޔޯ ކްލިނިކްގެ ތަޖުރިބާކާރުން ވިދާޅުވަނީ އެއީ ކުށް ހީއެއް ކަމަށެވެ.

މާޔޯ ކްލިނިކްގެ ވެބްސައިޓްގައި، ލޮލުގެ ހާއްސަ ޑޮކްޓަރު ޗެރިލް ކަންނާ ވިދާޅުވެފައި ވަނީ އިރުން އަންނަ އަލްޓްރާ ވައިލެޓް (ޔޫވީ) ރޭޑިއޭޝަން ލޮލާ ހިސާބަށް ފޯރާ މިންވަރު ވީހާވެސް ކުޑަ ކުރެވޭނެ އައިނެއްގެ މުހިންމުކަން ބޮޑު ކަމަށެވެ. ޔޫވީގެ ސަބަބުން ލޮލުގެ އެކި މައްސަލަތައް ޖެހެ އެވެ. އެހެންވެ އެންމެ ފުރަތަމަ ވިސްނަންޖެހޭ ކަމަކީ ޔޫވީ ޕްރޮޓެކްޝަން އެވެ.

ޗެރިލް ކަންނާ ވިދާޅުވެފައިވާ ގޮތުގައި، ލޮލަށް ހިމާޔަތް ލިބޭ އައިނެއްގައި މި ސިފަތައް ހުންނަން ޖެހޭނެ އެވެ؛

- ޔޫވީއޭ އަދި ޔޫވީބީ ދޯދީގެ 99-100 ޕަސެންޓް ބްލޮކްވުން

- ހާމަތަނެއްގައި ހުންނައިރު ލޮލަށް އަންނަ އަލީގެ 75-90 ޕަސެންޓް ދަށްކޮށްލުން

- އައިނުގެ ބިއްލޫރިން ފެންނައިރު އުނިކަމެއް ނުވަތަ އައިބު ކަމެއް ނުހުރުން

- އެއްޗެހީގެ އަސްލު ކުލަ ނުގެއްލޭ ގޮތަށް، އަޅި ކުލަ ބޮޑަށް ހުންނަ ބިއްލޫރީގެ އައިނަކަށް ވުން

މި ކަންކަމުގެ އިތުރުން ވީހާވެސް ބޮޑަށް ލޯ ފޮރުވައި ހުންނަ އައިނު އަދި ލޮލާ ދިމާލުން މޫނަށް ވީހާވެސް ބޮޑަކަށް ހެޔޮވަރުކޮށް ހުންނަ އައިނުން ވެސް ހިމާޔަތް ބޮޑުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ލޮލަށް ލައްވާ ބައެއް ލެންސުން ވެސް ޔޫވީ ދޯދިން ހިމާޔަތް ހޯދައިދޭނެ ކަމަށާއި އެކަމަކު މީގެ ލެންސަކާ އެކު ރަނގަޅު އައި އައިނެއް އެޅުމުން ވަރަށް ބޮޑު ހިމާޔަތެއް ލިބޭނެ ކަމަށެވެ.

ސަމާލުވާށެވެ. ފޭކް އައިނުތައް ބައިވަރެވެ. އެއިން ލޮލަށް ހިމާޔަތެއް ނުލިބޭތާ، އިތުރު ގެއްލުންތަކެއް ލިބުމަށް އޮންނަ ފުރުސަތު ބޮޑެވެ.