ސްކޫލް ކުދިންނަށް މާދަމާ ފައިޒާ ވެކްސިން ޖަހަން ފަށަނީ
ސްކޫލް ކުދިންނަށް މާދަމާ ފައިޒާ ވެކްސިން ޖަހަން ފަށަނީ

އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް މާދަމާ އިން ފެށިގެން ސްކޫލުތަކުގައި ފައިޒާ ވެކްސިން ދޭން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން އެޗްއީއޯސީން ބުނެފައި ވަނީ މާލެ ފިޔަވައި އެހެން ރަށްރަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާނީ މާލޭގެ ސްކޫލުތަކުގައި އެ ޕްރޮގްރާމް ފަށާތާ ކުޑަ ދުވަސްކޮޅަކަށް ފަހުން ކަމަށެވެ. އެކަމަކު މާލޭގައި އަދި މި ޕްރޮގްރާމު ނުފެށި ނަމަވެސް މާދަމާ ބައެއް ރަށްރަށުގައި މި ޕްރޮގްރާމު ފަށާނެކަން ވަނީ ބައެއް ސްކޫލްތަކަށް އަންގައިފަ އެވެ.

މާލޭގައި މި ޕްރޮގްރާމު ފަށާނެ ތާރީހެއް ވެސް އަދި ރަށްރަށުގައި ވެކްސިން ޖަހަން ފެށުމާ ބެހޭ ގޮތުން ވެސް އެޑިއުކޭޝަން މިނިސްޓްރީން އިތުރު މައުލޫމާތެއް ނުލިބުނެވެ.

އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާއިރު އެ ކުދިންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ ވެކްސިން ސެންޓަރުތަކަށް ގެންގޮސްގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ހަތަރު ބްރޭންޑެއްގެ ވެކްސިން ރާއްޖޭގައި ޖަހައިދެމުން އަންނައިރު މީގެ ކުރިން އެއްވެސް ވެކްސިނެއް 12-17 އަހަރާ ދެމެދުގެ ކުދިންނަށް ރާއްޖޭގައި ދީފައެއް ނުވެ އެވެ. އެ ކުދިންނަށް ދޭނީ ހަމައެކަނި ފައިޒާ ވެކްސިނެވެ.

އެ އުމުރުފުރާގެ އިތުރުން ފައިޒާ ވެކްސިން ދޭނީ މާބަނޑު މީހުންނާއި ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އެކަންޏެވެ. އެކި ފަރާތްތަކުން ހަދިޔާކުރި ފައިޒާ ވެކްސިނާ އެކު އެންމެ ފުރަތަމަ އެ ވެކްސިން ޖަހައިދޭން ފެށި ނަމަވެސް ފައިޒާ ވެކްސިން ހުސްވެ އެ ވެކްސިން ޖެހުން ހުއްޓާލަން ވެސް ޖެހުނެވެ. އެކަމަކު އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެ އަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކުރުމާ އެކު އަލުން އެ ވެކްސިން ޖަހައިދޭން މިވަނީ ފަށައިފަ އެވެ.