ވެކްސިން ނުޖަހާތީ ފަސް ޓީޗަރަކު އެކަހެރިކޮށްފި
ވެކްސިން ނުޖަހާތީ ފަސް ޓީޗަރަކު އެކަހެރިކޮށްފި

ކޮވިޑް-19 އިން ދިފާއުވާ ވެކްސިން ނުޖަހާތީ ދަރިވަރުންނާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރި ނުކުރުމުގެ ގޮތުން، ތިން ސްކޫލެއްގެ ފަސް ޓީޗަރަކު ގޭގައި މަޑުކުރަން އެ ސްކޫލްތަކުން އަންގައިފި އެވެ.

އެޑިއުކޭޝަަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ ކޮވިޑުން ދިފާއުވާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ޓީޗަރުން ދެވަނަ ޑޯޒް ޖެހުމަށާއި އެއްވެސް ޑޯޒެއް ނުޖަހާ ޓީޗަރުން ފުރަތަމަ ޑޯޒް ޖަހަން މިނިސްޓްރީން ކުރިން މުހުލަތެއް ދީފައިވާ ކަމަށެވެ. އަންގާފައި އޮތީ ވެކްސިނުގެ ކޮންމެވެސް އެއް މަރުހަލާއެއް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށެވެ.

"ފުރަތަމަ ޑޯޒް ޖައްސަވައިގެން ތިއްބެވި މުވައްޒަފުން ދެވަނަ ޑޯޒް އަދި އެއްވެސް ޑޯޒެއް ނުޖައްސަވައި ތިއްްބެވި ބޭފުޅުން ފުރަތަމަ ޑޯޒް، އޮގަސްޓް 10 ގެ ކުރިން ޖައްސަވަން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވާނީ ރަސްމީކޮށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.

އެ މުހުލަތު އިއްޔެ ހަމަވި އިރު އެޑިއުކޭޝަނުން އެންގި ގޮތަށް އަމަލުނުކޮށްގެން މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ އަހުމަދު އަލީ ވިދާޅުވިގޮތުގައި ތިން ސްކޫލަކުން ފަސް ޓީޗަރެއްގެ މައްސަލަ އެވެ. އެ ފަސް ޓީޗަރުން ވެސް ދަރިވަރުންނާ ގުޅޭ މަސައްކަތްތަކުން އެކަހެރިވާން ސްކޫލްތަކުގެ މެނޭޖްމަންޓްތަކުން ވަނީ އަންގައިފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ވެސް، ވެކްސިން ނުޖަހާ މީހުންނަށް އެކި ހިދުމަތްތަކުގައި ދަތިވާ ގޮތަށް ވަނީ އުސޫލުތައް ހަދަން ފަށައިފަ އެވެ.