ހުއްދަ ނުދެނީސް ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ފެށި މައްސަލައެއް
ހުއްދަ ނުދެނީސް ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ފެށި މައްސަލައެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ހުޅުވާލުމުގެ ކުރިން ބަޔަކު ވަދެ މަސައްކަތް ފެށި މައްސަލައެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަން ފަށައިފި އެވެ.

އެޗްޑީސީން ނިންމާފައި ވަނީ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތާއި، ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މި މަހު 18 ވަނަ ދުވަހު ނިމުމުން ފިނިޝިންގެ މަސައްކަތަށް ފުރުސަތު ދިނުމަށެވެ.

ނަމަވެސް ހިޔާ ފްލެޓު ލިބުނު ފަރާތްތަކާ އެކު މަސައްކަތް ކުރާ ޖަމިއްޔާ، "އާންމުންގެ އެކުވެރި ގުޅުން" އިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާގެ އެޗް16 ވަނަ ޓަވަރުގެ ފްލެޓެއް ތެރޭ ބަޔަކު ތަށިމުށި ޖަަހަމުން ދަނިކޮށް އެ ޖަމިއްޔާގެ އެތައް މެންބަރުންނަށް ފެނިފައިވާ ކަމަށެވެ.

އެކަން އެޗްޑީސީއަށް އަންގާފައިވާ ކަމަށާއި އެ ކުންފުނިން އެ ފްލެޓުގެ ވެރި ފަރާތަށް ގުޅައި މަސައްކަތް ހުއްޓުވާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް ގެނައުމުން އެ ފްލެޓުގައި އެއްވެސް މަސައްކަތެއް ކޮށްފައި ހުރިތޯ ބެލުމަށް އެ ކުންފުނީގެ މުވައްޒަފުން ދިޔައިރު އެޕާޓްމަންޓު ހުރީ ތަޅުލައިފަ އެވެ. އެ ފްލެޓް އިންސްޕެކްޓު ކުރުމަށް ފްލެޓަށް ވަދެވޭނެ ގޮތެއް ހޯދައި އެ މައްސަލަ ބަލަން އެޗްޑީސީން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް އަދި ނުލިބެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުގެ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ފްލެޓް ލިބުނު މީހުންނަށް ލިބޭނެ އެވެ. އެ މުއްދަތުގައި އެތަނުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ އެވެ. އެކަމަކު އެންމެ ތިން މަހުން ފިނިޝިން ނުނިންމޭނެ ކަމަށް ބުނެ ފްލެޓް ލިބުނު ގިނަ ބަޔަކު އެކަމުގެ ޝަކުވާދަނީ ކުރަމުންނެވެ.