11 އޯގަސްޓް 2021 - 11:16

ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭ އިން މިއަދު އާއްމުކޮށްފި އެވެ.
އެޗްޕީއޭ އިން ކުރިން ނިންމާފައިވާ ގޮތުގައި ގެސްޓުހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިން ފުރިހަމަ ކޮށް 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށް އެކަންޏެވެ. ނަމަވެސް ރަށުގެ އާބާދީގެ ވެކްސިން ރޭޓަށް ބަލައި ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ވެސް މިހާރު ރަށްރަށަށް ދަތުރު ކުރެވޭނެ އެވެ.
ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް ދަތުރު ކުރެވޭނީ އެ ރަށެއްގެ މުޅި އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ އެވެ. އަދި އެ ރަށެއްގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ މީހުންގެ 95 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ޓޫރިސްޓުން ދަތުރު ކުރާ ރަށުގައި އުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކޮށްފައި ހުންނަން ޖެހޭނެ އެވެ.
ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށަކަށް ދާނަމަ އެ ރަށަކަށް ދާތާ ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.
ރާއްޖެގައި މިވަގުތު އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ނުކުރަނީ މަދު ރަށެއްގަ އެވެ. މީގެ ތެރޭގައި މާލެ ވެސް ހިމެނެ އެވެ. އެހެންކަމުން 60 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ނުކުރާ ރަށްރަށަސް ދަތުރު ކުރެވޭނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށެވެ.