12 އޯގަސްޓް 2021 - 07:12

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ލަވަލިޔުންތެރިންގެ ތެރޭގައި ހިމެނުނު ކުރީގެ ލެޖެންޑް ކިޝޯރު ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ އާއިލާ އިން ހަދަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ކިޝޯރުގެ ދޮށީ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ އަމިތު ކުމާރު ބުނީ މީގެ ކުރިން ބައެއް މީހުން ކިޝޯރްގެ ބައޮޕިކް ހަދަން ޝައުގުވެރިކަން ފާޅުކޮށް، އާއިލާ އަށް އެކަމުގެ ހުއްދަ އަށް އެދިފައި ވިޔަސް އެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ އާއިލާ އިން ފިލްމު ހަދަން ބޭނުންވާތީ ކަމަށެވެ.
އަމިތު ބުނި ގޮތުގައި ފިލްމު ޑައިރެކްޓްކުރާނީ އޭނަ އެވެ. އަދި މީގެ ޕްރޮޑިއުސަރުންގެ ގޮތުގައި އަމިތުގެ އިތުރުން ދޮންމަންމަ ލީނާ ޗަންދަވާރަކާއި އޭނާގެ ދަރިފުޅު ސުމިތު ކުމާރު ބައިވެރިވާނެ އެވެ.
"އަހަރެމެން މިހާރު އަންނަނީ ބައޮޕިކަށް ތައްޔާރުވުމުގެ ގޮތުން އާއިލާގެ އެންމެންނާ ވެސް ވާހަކަ ދައްކަމުން. ފިލްމުގެ ސްކްރީންޕްލޭ އަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާނެ،" އަމިތު، 69، ބުންޏެވެ. "ބައްޕަގެ ފިލްމު އާއިލާ އިން ހަދަން ނިންމީ އެ ވާހަކަ އަށް އެންމެ ރަނގަޅަށް އިންސާފުކޮށް ދެވޭނެ ބަޔަކީ އަހަރެމެން ކަމަށްވާތީ. މި ފިލްމު ހެދުމުގެ މަސައްކަތަކީ ފުދޭ ވަރެއްގެ ބޮޑު އަދި ބޮޑު މަސައްކަތަކަށް ވާނެ."
މީގެ ކުރިން ކިޝޯރްގެ ބައޮޕިކް ހަދަން އާއިލާގެ ހުއްދަ އަށް އެދުނު ޑައިރެކްޓަރުންގެ ތެރޭގައި މިދިޔަ އަހަރު "ލޫޑޯ" ގެނެސްދިން އަނޫރާގް ބާސޫ އާއި މިދިޔަ އަހަރު "ގުލާބޯ ސިތާބޯ" ގެނެސްދިން ޝޫޖިތު ސިރްކާ ހިމެނެ އެވެ.
އަނޫރާގް މަސައްކަތްކުރީ ރަންބީރް ކަޕޫރް ހިމަނައިގެން ކިޝޯރްގެ ބައޮޕިކް ހަދާށެވެ. އެ ރޯލު ކުޅެން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރާ އެކަކީ އަޔޫޝްމަން ކްރާނާ އެވެ.
ހިންދީ ސިނަމާ އަށް އައިކޮނިކް އެތައް ލަވައެއް ގެނެސްދިން ކިޝޯރް ވަނީ އުމުރުން 58 ގައި 1987 ގައި މަރުވެފަ އެވެ. އޭނާގެ އަޑަކީ ހިންދީ ސިނަމާގައި އެތައް އަހަރެއް ވަންދެން ވަރަށް ގަދަކޮށް ހިފަހެއްޓި އަޑެކެވެ. އަދި ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހުރުވައަކުން ލަވަ ކިޔާފައިވެ އެވެ.
ކިޝޯރަކީ އެކްޓަރެއް ވެސް މެ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު 200 އާ ގާތްކުރެ އެވެ.