ޗުއްޓީއަށް ދާއިރު ކިޔާލަން: ސަން ސްކްރީންގެ ހަގީގަތް!
ޗުއްޓީއަށް ދާއިރު ކިޔާލަން: ސަން ސްކްރީންގެ ހަގީގަތް!

ބޮޑު ޗުއްޓީގައި ރާއްޖޭގައި ތިބި ބަޔަކު އެންމެ ބޮޑަށް މަޖާ ނަގާނީ މޫދަށް އެރުމާއި ދަތުރު ދިއުން ފަދަ ކަންކަމުގަ އެވެ. ޗުއްޓީ ނިންމާފައި އަންނައިރު ގައިގެ ހަންގަނޑު އަނދައި، ހަން ފިލައިގެންދާ ވަރު ވެދާނެތީ ކަންބޮޑުވާނެ އެވެ. އެހެންވެ އެކަމުން ސަލާމަތްވާން އުފައްދާފައި ހުންނަ އެކި ފާޑުގެ ލޯޝަންތަކާއި ކްރީމްތައް އުނގުޅަ އެވެ. އެކަމަކު ބައެއް މީހުން ބުނަނީ އެ އުނގުޅައިގެން ވެސް ވާކަމެއް ނޯން ކަމަށެވެ. އެއީ ކީއްވެހެއްޔެވެ؟

ސަން ސްކްރީންގެ ބޭނުމަކީ ހަންގަނޑު އެނދުމާއި ރޫޖެހުމާއި ކެންސަރަށް މަގު ފަހިކުރުވާ ޔޫވީ ލައިޓުން ހަންގަނޑު ހިމާޔަތްކުރުމެވެ. އެކަމަކު މި މަގުސަދު ހާސިލްކުރުމުގައި ސަން ސްކްރީންގެ ބޭނުމެއް ނެތް ކަމަށް ބުނާ މީހުން ގިނަކަމުން "ކަންސިއުމާ ރިޕޯޓްސް" އިން ވަނީ 65 ވައްތަރެއްގެ ސަން ސްކްރީން ލޯޝަން އާއި ސްޕްރޭ އާއި ސްޓިކްސް އާ ބެހޭ ތަހުގީގެއް ހިންގައިފަ އެވެ. ޓެސްޓްކޮށްފައި ވަނީ އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީން ހުއްދަ ދީފައިވާ އެންމެ ދަށް އެސްޕީއެފް ކަމަށްވާ 30 ގެ އުފެއްދުންތަކެވެ. އެސްޕީއެފް އަކީ އެ އުފެއްދުމަކުން ހަންގަނޑަށް ހިމާޔަތް ލިބޭ މިންވަރު ވަޒަންކުރާ މިންގަނޑެވެ.

ކަންސިއުމާ ރިޕޯޓްސް އިން ވަނީ މި ހޯދުންތަކަށް ހޮވާލި އުފެއްދުންތައް ބުރަކަށީގައި އުނގުޅައިގެން، އެ އުފެއްދުމެއްގައި ބުނާ ވޯޓާ ރެސިސްޓެންޓް ވަގުތު ފެނުގައި އަދި އަވީގައި މީހުން ގެންގުޅެފަ އެވެ. އަދި ޖެހިގެން އައި ދުވަހު އެ މީހުންގެ ހަންގަނޑު ރަތްވެފައި ހުރި މިންވަރު ބަލާފައިވެ އެވެ.

މި ހޯދުންތަކުން އެނގުނު ގޮތުގައި، ދިރާސާ އަށް ބޭނުންކުރި އުފެއްދުންތަކުގެ ތެރެއިން 43 ޕަސެންޓް ތަކެއްޗަކީ ސަން ޕްރޮޓެކްޝަން ފެކްޓާ ނުވަތަ އެސްޕީއެފް މިންގަނޑުގައި ބުނާ ވަރަށް ހަންގަނޑު ހިމާޔަތް ނުވާ އެއްޗިއްސެވެ. އެގޮތުން ބަނާނާ ބޯޓް ކިޑްސް ޓިއާ ފްރީ، ސްޓިންގް ފްރީ އެސްޕީއެފް 50 އަދި ސީވީއެސް ކިޑްސް ލޯޝަން އެސްޕީއެފް 50 އިން ހިމާޔަތް ވަނީ އެސްޕީއެސް 8 ގެ މިންގަނޑުންނެވެ.

މި ބްރޭންޑުތައް އުފައްދާ ކުންފުނިތަކުން ވަނީ މިއީ ރަނގަޅު ހޯދުންތަކެއް ނޫން ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެ ކުންފުނިތަކުން ބުނެފައި ވަނީ އެއީ ރަސްމީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އުފެއްދުންތައް ކަމަށެވެ.

މީގެ އިތުރުން ކަންސިއުމާ ރިޕޯޓްސް އިން ބުނެފައި ވަނީ ވޯޓާ ޕްރޫފް ސަން ސްކްރީން ކަމަށް ބުނެ ވިއްކާ އެއްޗިއްސަކީ ވެސް ފެން ޖެހުމުން ފޮހެވިގެންދާ އެއްޗެހި ކަމަށާއި ވޯޓާ ފްރޫފް ސަން ސްކްރީނެއް ނުހުންނަ ކަމަށެވެ. ބައެއް އުފެއްދުންތަކުގައި، އެ އުނގުޅައިގެން ފެނުގައި އުޅުމުން ހަންގަނޑަށް ލިބޭ ރައްކާތެރިކަން އިތުރުވާނެ ކަމަށް ބުނެފައި ހުއްޓަސް އެގޮތަށް ނުވާ ކަމަށާއި ފެނުގައި ޖެހުމާ އެކު ލޯޝަނުގެ އަސަރު ކުޑަވެ ފިލައިގެންދާ ކަމަށް ކަންސިއުމާ ރިޕޯޓްސް އިން ބުނެ އެވެ.

މި ހޯދުންތަކަށް ފަހު ބުނެފައި ވަނީ އެސްޕީއެފް 50 ގެ އެއްޗެއް އުނގުޅިޔަސް އަދި 100 ގެ އެއްޗެއް އުނގުޅިޔަސް ލިބެނީ ހަމަ ދާދި އެއްވަރެއްގެ ހިމާޔަތެއް ކަމަށާއި ކޮންމެ އެއްޗެއް އުނގުޅިޔަސް ކޮންމެ 15 މިނެޓަކުން އުނގުޅުމުން ނޫނީ ހިމާޔަތެއް ނެތް ކަމަށެވެ. އަދި އަތްވަށް ނިކުތުމުގެ 15 މިނެޓް ކުރިން އުނގުޅުމަށް ވެސް ލަފާ ދީފައިވެ އެވެ. އަދި ސްޕްރޭކުރާ ވައްތަރުތަކަށް ވުރެ ލޯޝަން ރަނގަޅު ކަމަށާއި ސްޕްރޭ ކުރުމުން އޭގެ އަސަރު ނޭވާގެ ޒަރިއްޔާ އިން އެތެރެހައްޓަށް ގޮސް ގެއްލުން ވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ކަންސިއުމާ ރިޕޯޓްސްގެ ލަފާގައި ބުނެފައިވެ އެވެ.

މި ހޯދުމަށް ބަލާއިރު ސަން ސްކްރީނަކުން އެހާ ބޮޑު ހިމާޔަތެއް ނެތެވެ. އެންމެ ބުއްދިވެރީ އަވީގައި އުޅޭ ނަމަ ގައި ވީހާ ވެސް ބޮޑަކަށް ނިވާކޮށްގެން އުޅުމެވެ.