ހިރިމަރަދޫ ދަރިވަރުން މިއަދުވެސް ސްކޫލަކަށް ނުފޮނުވާ، މިނިސްޓްރީގެ ޓީމެއް އެ ރަށަށް ހިނގައްޖެ
ހިރިމަރަދޫ ދަރިވަރުން މިއަދުވެސް ސްކޫލަކަށް ނުފޮނުވާ، މިނިސްޓްރީގެ ޓީމެއް އެ ރަށަށް ހިނގައްޖެ

ހދ. ހިރިމަރަދޫ ސްކޫލުގެ ދަރިވަރުން މިއަދު ވެސް ސްކޫލަށް ނުފޮނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށި ނަމަވެސް، ބެލެނިވެރިން އެދެނު ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދީފައި ނުވާ ކަމަށް ބުނެ އިއްޔެ ވެސް އެއްވެސް ދަރިވަރަކު ސްކޫލަކަށް ނުފޮނުވަ އެވެ. އެ މައްސަލަ ހައްލުކުރަން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދާއި ދެ ސްކޫލެއްގެ ޕްރިންސިޕަލަކު ވަނީ އެ ރަށަށް އިއްޔެ ވަޑައިގެންފަ އެވެ.

ހިރިމަރަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ދަރިވަރުން ސްކޫލަށް ނުފޮނުވި އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ އެ ސްކޫލްގެ ކަންކަން ރަނގަޅުކޮށްދިނުމަށް އެދި އާދޭސްކުރާތާ 13-14 އަހަރު ވެގެން ދިޔައިރު ވެސް ހާލަތު ބަދަލުވެފައި ނުވުމެވެ.

އެ ސްކޫލުގައި ކިޔަވައިދޭތާ ގިނަ ދުވަސްވީ ބައެއް ޓީޗަރުންގެ ފަރާތުން ރަނގަޅު ނަތީޖާއެއް މިހާތަނަށް ނެރެދެވިފައި ނުވިޔަސް، އެކަން ހައްލުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

އެ ހިތްހަމަނުޖެހުންތަކާއެކު، ގްރޭޑު 1-10 އަށް 64 ދަރިވަރުން ކިޔަވާ ސްކޫލަށް އެއްވެސް ކުއްޖަކު ނުފޮނުވަ އެވެ.

"އެޑިއުކޭޝަންގެ ޓީމު ވަޑައިގެން ސްކޫލު އިސްވެރިންނާއި ރަށު ކައުންސިލް މެމްބަރުންނާއި ޕީޓީއޭ އަދި ބެލެނިވެރިންނާ ވެސް ބައްދަލުކުރި. ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެޑިއުކޭޝަންގެ އެދުމެކޭ ކުދިން މިއަދު ސްކޫލަށް ފޮނުވުމަކީ. އެކަމަކު ބެލެނިވެރިންނަށް ސްކޫލުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭތީ މިއަދު ވެސް ނުފޮނުވާ،" އެ މެމްބަރު ވިދާޅުވި އެވެ.

"އަންނަން އޮތް ޖީލު ހަލާކުވުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން. މި އޮތް ހުރިހާ ދުވަހު ވެސް ކުދިން ސްކޫލަށް ފޮނުވީ ކަންކަން ރަނގަޅުކޮށްދިނުމަށް ޑިމާންޑުކުރަމުން. އެކަމަކު އެތައް އަހަރެއް ވެގެންދިޔައިރު ވެސް އެކަމަށް އަޅައެއް ނުލި،"

އޭނާ ވިދާޅުވީ ހުރިހާ ސްކޫލަކަށް ފޮތް ހަމަވާނެ ކަމަށް އެޑިއުކޭޝަނުން ބުންޏަސް، އެ ސްކޫލުގެ ދަރިވަރުންނަށް އަދި ފޮތްތައް ހަމަނުވާ ކަމަށެވެ. މީގެ ކުރިން ވެސް، ސްކޫލުތައް ހުޅުވައިގެން 3-4 މަސްވެގެން ދާއިރު ވެސް ފޮތްތައް ނުލިބި އެބަހުރި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.