11 އޯގަސްޓް 2021 - 10:25

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށެއްގެ މޮނިޓަރިން އުވާލި ނަމަވެސް އެ ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުން ކޮވިޑް ވެކްސިން ފުރިހަމަ ނުކޮށް ތިބި ނަމަ، ރަށުން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރަން ފަށައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައި ހއ. ދިއްދޫގެ މޮނިޓަރިން އުވާލިކަން އަންގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެރަށަށް ފޮނުއްވި ލިޔުމުގައި ވަނީ ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރަށުގެ އާބާދީގެ ފަސް ޕަސެންޓް މީހުންގެ ރެންޑަމް ސާމްޕަލް ނަގަންވާނެ ކަމަށް ވެސް މި ލިޔުމުގައިވެ އެވެ.
ނަމަވެސް ހދ. ކުޅުދުއްދުށީގެ މޮނިޓަރިން އުވާލައި ރަށް ހުޅުވާލިއިރު އެރަށަށް ފޮނުވި ލިޔުމުގައި އޮތީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ރަށުގެ އާބާދީގެ ފަސް ޕަސެންޓް މީހުންގެ ރެންޑަމް ސާމްޕަލް ނެގުމަށް އެކަންޏެވެ. ރަށުން ފުރާއިރު ޓެސްޓްކުރަން ޖެހޭނެ ކަމަކަށް ނެތެވެ.
މިދިޔަ ހަފްތާގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި، ރަށްރަށުގެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތަކުން ދައްކާ ގޮތުގައި ދިއްދޫގެ 18 އަހަރުން މަތީގެ އާބާދީން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 39 ޕަސެންޓް މީހުންނެވެ. ކުޅުދުފުށީގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.
ކޮވިޑް ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަންނަނީ އުސޫލުތަކަށް ބަދަލު ގެންނަމުންނެވެ. ނަމަވެސް އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ދެވެންދެން، ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭ ގޮތަށް ބަދަލެއް ގެނައިކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އެޗްއީއޯސީގެ ބަހެއް ނުލިބުނެވެ.
މިވަގުތު 11 ރަށެއް މޮނިޓަރިންގައި އެބަ އޮތެވެ.
ރާއްޖޭގައި މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 332،816 މީހަކަށް ދީފަ އެވެ. އަދި 287،599 މީހަކަށް ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފަ އެވެ. ބައެއް ރަށްރަށުގައި، ވެކްސިން ޖެހޭ އާބާދީގެ އެންމެން ވަނީ ވެކްސިން ޖަހައިފަ އެވެ.