11 އޯގަސްޓް 2021 - 10:13

ޕެރިސް (އޮގަސްޓް 11) - ޕީއެސްޖީގައި ޖޯޒީ ނަމްބަރު 30 ބޭނުން ކުރުމަށް އިއްޔެ އެ ޓީމަށް ބަދަލުވި ލިއޮނެލް މެސީ ނިންމައިފި އެވެ.
އެފްސީ ބާސެލޯނާ އަށް 17 އަހަރު ކުޅުމަށް ފަހު އެ ޓީމު ދޫކޮށްލި މެސީ ބާސާ އަށް 2004 ގައި ކުޅެން ފަށައި އޭނާ އެންމެ ފުރަތަމަ ބޭނުން ކުރީ ޖޯޒީ ނަމްބަރު 30 އެވެ. އޭގެ ފަހުން ޖޯޒީ ނަމްބަރު 19 ބޭނުން ކުރި އެވެ. އޭރު ބާސާގެ ޖޯޒީ ނަމްބަރު 10 ބޭނުން ކުރަނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ އެވެ. މެސީ 10 ނަމްބަރު ޖޯޒީ ބޭނުން ކުރަން ފެށީ 2008 ގައި ރޮނާލްޑީނިއޯ އެ ޓީމު ދޫކޮށްލުމުންނެވެ.
ޕީއެސްޖީގައި 10 ނަންބަރު ޖޯޒީ ބޭނުން ކުރަނީ، ބާސާގައި މެސީއާ އެކު ކުޅުނު ނޭމާ އެވެ. މެސީ އަށް 10 ނަންބަރު ޖޯޒީ ދޭން ނޭމާ ހުށަހެޅުމުން ވެސް އެ ނަންބަރު ނުނަގަން މެސީ ނިންމި ކަމަށް ސޯޝަލް މީޑީއާގައި ވާހަކަ ދެކެވުނެވެ.
ޕީއެސްޖީ އަށް މެސީ ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކްލަބުން ބޭނުންނަމަ އިތުރު އެއް އަހަރަށް އޭނާ އެ ކްލަބުގައި ބެހެއްޓުމުގެ އިހްތިޔާރު ޕީއެސްޖީ އަށް ލިބެ އެވެ.
ޕީއެސްޖީ އަށް ސޮއިކުރުމަށް ފަހު މެސީ ބުނީ ހާއްސަ ޕްރޮޖެކްޓެއް ޕީއެސްޖީގައި ބިނާ ކުރަން އޭނާ އެހީވެދޭނެ ކަމަށެވެ.
"އަހަރެންގެ ކެރިއާގެ އާ ޗެޕްޓާއެއް ޕީއެސްޖީން ފަށަން ފުރުސަލތު ލިބުމަކީ ބޮޑު އުފަލެއް. އަހަންނަށް އެނގޭ ކްލަބުގެ ހުނަރުވެރިކަމާ ފެންވަރު އަދި ކޯޗުން ސްޓާފުންގެ ކޮލިޓީ،" މެސީ ބުންޏެވެ.
"ހާއްސަ ޕްރޮޖެކްޓެއް ކްލަބުގައި ބިނާ ކުރަން އަހަރެން އެހީވެދޭނަން. އެއީ ސަޕޯޓަރުންނާއި ކްލަބަށް އުފާވެރިކަން ގެނެސްދޭނެ ކަމަކަށް ވާނެ."
ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފީ ވިދާޅުވީ މެސީ އެ ކްލަބަށް ސޮއިކުރުމުން ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމަށެވެ.
"މެސީ ހާމަކޮށްފި ކާމިޔާބަށް އޭނާ ބޭނުންވާ މިންވަރު އަދި އެންމެ މަތީ ލެވލްގައި ވާދަކުރުމަށް އޭނާ ބޭނުންވާ ވަރު،" ހަލީފީ ވިދާޅުވި އެވެ. "އަހަރެމެން ކްލަބުގެ ޓާގެޓަކީ ވެސް ހަމަ އެއީ."