10 އޯގަސްޓް 2021 - 23:38

އެމްޕީއެލްގެ ޕޯޓުގައި އޮތް ކޮންޓެއިނާރުތަކެއްގެ މަތިން ވެއްޓި، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 9:30 ހާއިރު އެވެ.
އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނާޒިމް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ އެމީހާ ކޮންޓެއިނާ ސްޕްރެޑާ އަށް އަރަން އުޅެނިކޮށް، ބޯޓު ރޯލު ކުރުމުން ސްޕްރެޑާ އޭނާގެ ގައިގައި ޖެހި ކަހާލައިގެން ކަމަށެވެ. އެތަނުގެ ތިރީގައި ހުރި ކޮންޓެއިނަރެއްގެ މައްޗަށް ވެއްޓި އޭނާގެ ކަނާތުގެ އޮޅުބޮށި ނެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނަރަ މިނެޓު ތެރޭގައި އެމްޕީއެލްގެ މެޑިކަލްސްއިން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އަދި މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން،" ދާނިޝް ވިދާޅުވި އެވެ.
މި ހާދިސާ ހިނގިއިރު، އެ މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި ސޭފްޓީ ގޮތުން އަޅަން ޖެހޭ ހެލްމެޓާއި ސޭފްޓީ ޝޫޒް އަދި ވެސްޓް ވެސް އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޕީއެލްގައި މީގެ ކުރިން ވެސް ނުރައްކާތެރި ތަފާތު ހާދިސާތައް ހިނގާ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަނިޔާވެފައިވާއިރު، ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެ އެވެ.