11 އޯގަސްޓް 2021 - 07:34

އާދިއްތަ ދުވަހާ ގުޅޭ
އަހަރެންނަށް ނުދިން ލޯބި އަހަރެންގެ ފިރިމީހާއަށް މަންމަ ދެނީ ކީއްވެގެން ހެއްޔެވެ؟ ވިސްނާވިސްނާ ވެސް އަހަންނަކަށް އެޔެއް ނުވިސްނުނެވެ. އަޝްރާނަކީ އަހަންނަށް ކަމުދިޔަ މީހެކެވެ. ލޯބިން ކައިވެނިކުރި މީހެކެވެ. އޭނަ ދެކެ ވެސް މަންމަ ރުޅިއަންނަން ޖެހޭނެއެވެ. އެހެނެއް ނުވިއެވެ. އަޝްރާން ދެކެ ލޯބިވުމުގެ އިތުރަށް، އެ ލޯބި އަހަންނަށް ދައްކަން ވެސް މަންމަ މަސައްކަތްކުރެއެވެ. އަޝްރާނަށް ވެސް އެ ކަން އެނގޭނެއެވެ. އޭނަ އަތުގައި ފޯނު އޮއްވައި، އަހަރެންގެ ފޯނަށް މަންމަ ގުޅައިފައި އަޝްރާނަށް ފޯނު ދޭން ބުނެއެވެ. އޭނަ ކައިރީގައި އަހަރެން އިންކަން ޔަގީންކުރާށެވެ. އަހަރެންގެ ހާލު ވެސް އަހައި ނުލައި އަޝްރާނާ ވާހަކަދައްކަން ގަޑިއެއްހާ އިރު ވެސް މަންމަ ހޭދަކޮށްލައެވެ.
އަހަންނަށް މީރީ ކޯޗެއްތޯ ދުވަހަކު ވެސް މަންމަ ނާހައެވެ. އަޝްރާނަށް މީރުހާ އެއްޗެހި ކައްކައި، އޭނަ އޮފީހުގައި އިންދައި ގުޅައިގެން މަންމަގެ ގެއަށް ގެންދެއެވެ. އަހަރެންނެއް ނުގެންދެއެވެ. އަހަންނަކަށް ނުވެސް ގުޅައެވެ. އަހަރެން ހިތުގައިޖައްސަން އާ ގޮތެއް މަންމަ ހޯދީކަމަށް ވެދާނެއެވެ. އެކަމަކު އަހަރުމެން ދެމަފިރިން ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވީމައި، ކޫސަނި މައްސަލަތަކެއް ނުޖެހެއެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. ދެރަވާކަމަކަށް ވެސް ނެހެދެމެވެ. ގަދަކަމުން މީހެއްގެ ލޯބި ހޯދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ވިޔަސް ވެހެވެ. އެކަމަކު، އަހަރެން އެއްޗެއް ހިތަށްނާރަޔޭ ބުނެފި ނަމަ އެ ވާނީ ދޮގަކަށެވެ. އަހަރެން ކެތްކޮށްލައިގެން ހުންނަނީއެވެ.
އަޝްރާނަށް އެންމެ މީރީ އަހަރެން ހަދާ މަސްބިރިޔާންޏެވެ. އޭގައި ހުންނަ ރަހަ، ރެސްޓޯރަންޓު ބިރިޔާނީގައި ވެސް ނުހުންނަކަމަށްވެއެވެ. ސަބަބެއް އޮތީމައެވެ. އެއީ ވަރަށް ވަގުތު ހޭދަކޮށްގެން، ތަފާތު ގޮތަކަށް އަހަރެން ތައްޔާރުކުރާ ކެއުމެކެވެ. ބިރިޔާނި ކައްކާ ދުވަހު، ދުރާލައި އަޝްރާން ގާތުގައި އެ ވާހަކަ ބުނަނީ ވެސް އެހެންވެއެވެ. އެ ފަދަ ދުވަހެއްގައި، މަންމަ ގެއިން ކައިގެން އަޝްރާން އަތުވެއްޖެއްޔާ އަހަރެންގެ މޫޑަށް އޭގެ ނުބައި އަސަރުކުރެއެވެ. އެ ޝަކުވާ ވެސް އަހަރެން އެތެރެއަށް ހިންދައިލަނީއެވެ.
އަހަރެންގެ ދެ ކުދިން ތިބެއެވެ. މަންމަގެ ދަރިންނަށް ވުރެ އަހަރެންގެ ދަރިން ދެކެ މަންމަ ލޯބިވެއެވެ. ދެ ކުދިން ވެސް ކިޔަވަން ތިބީ ރާއްޖެއިން ބޭރުގައެވެ. މަންމަ އިރުއިރުކޮޅާ އެ ކުދިންނަށް ގުޅައެވެ. މާލެއިން އޭތިމީތި ފޮނުވައެވެ. މަންމަ އަމިއްލައަށް އެއްޗެހި ހަދައިފައި، މީހުން އަތަށް ދީފައި ވެސް ފޮނުވައެވެ. ކޮންމެ އުފަންދުވަހަކު ހަދިޔާ ފޮނުވައެވެ. އެ ހުރިހައި ކަމެއް އަހަންނަށް އެނގެނީ ކުދިންގެ ފަރާތުންނެވެ. އަހަރެން އަޅައެއް ނުލަމެވެ. ވީވަރަކުން އަހަރެން ބަލަނީ ކުދިންނާއި މާމައާ ގުޅުވޭތޯއެވެ. ކުދިން ކައިރީގައި އަހަންނާ ބެހޭ ގޮތުން މަންމަ ކޮންމެ ވާހަކައެއް ދެއްކިޔަސް، މަންމަ ދެކެ ކުދިން ރުޅިއަޔަކަ ނުދެމެވެ. އަހަރެންނަށް ނަފުރަތުކޮށްގެން މަންމައަށް އުފަލެއް ލިބެންޏާ އެ ގޮތް ވެސް އަހަންނަށް ގަބޫލެވެ. އެއީ އަހަންނަށް މިންވަރުކުރެއްވި ގޮތެވެ. ލޯތްބަކީ އެންމެނަށް ލިބޭ ނިއުމަތެއް ނޫނެވެ.
ކުއްލިއަކަށް މަންމަ ބަލިވިއެވެ. ކަމެއް ކޮށްދެވޭ ވަރު މީހަކަށް މާލޭގައި ހުރީ އަހަންނެވެ. މަންމަގެ އެހެން ކުދިންނަކަށް ވަގުތެއް ނުވެއެވެ. އެ ވަރުން ވެސް، އަހަރެންގެ ފަރާތުން އެހީތެރިކަމެއް މަންމަ ބަލައެއްނުގަތެވެ. އަހަރެން ކަމެއް ކޮށްދޭން ބުނީމައި ވެސް، ނޫނެކޭ ބުނެވެން ނެތަސް، އާނއެކޭ ބުނާނީ ވެސް ވަރަށް ރުންކުރުކޮށެވެ. ދެން ވެސް މަންމައަށް ފުސްމޫނުދައްކައި، ހިތްނުބައިކޮށް، ކުދިކިޔައެއް ނަހަދަމެވެ. މަންމައަށް ޓަކައި ހެޔޮ ދުއާކުރަމެވެ. އަހަރެން ހިތަށްއަރައެވެ. އަހަންނާ ހެދި މަންމަ ނުވަ މަސްދުވަސް ވަންދެން ކިހާ ބޮޑު ބުރައެއް އުފުލި ހެއްޔެވެ؟ ބޭނުން ނޫން މީހަކާ އިނދެގެން، ބޭނުން ނޫން ދަރިއެއް ވިހެއުމަކީ ވޭނީ ކަމެކެވެ. އެ ހާލަތުގައި، ކިތައް މަންމައިން ދަރިފުޅު މަރައިލާ ހެއްޔެވެ؟ އެހެނަސް، އެ ކަމާ އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ކުޑައިރު އެކައްޗެއް ވެސް ނުވިސްނެއެވެ. ބޮޑުވުމުން ކުރެވޭނެ ހަމަ އެކަނި ކަމަކީ، މަންމަ އަށް އެހީތެރިވުމެވެ. ފަސޭހައެއް ކޮށްދިނުމެވެ. ހިތާމައަކީ، އަހަރެންގެ ފަރާތުން މަންމަ އެ ވަރު ވެސް ބޭނުން ނުވިކަމެވެ. މަންމައަކު އެ ގޮތަށް ކަންތައް ކުރާނީ ކިހާ ފޫހިވީމަ ހެއްޔެވެ؟ އެއީ، ހިތަށްއަރުވަން ބޭނުން ނުވިޔަސް އަބަދުވެސް ހިތަށްއަރާ އެއްޗެކެވެ. އެ ތަދު ވެސް އަހަރެން ފަސްއަޅައި ފޮރުވައިލީމެވެ.
އަހަރެން ހިތްވަރުކުރަން ބޭނުންވެއެވެ. އެކަމަކު ހިތުގެ އެންމެ ފުނުގައި އުފެދިފައިވާ ހުސްކަން ފުރޭ ގޮތެއް ނުވެއެވެ. މައިވަންތަ ލޯތްބަށް އަހަރެން ފެންބޮވައެވެ. ކެތްތެރިކަން ކިތަންމެ ވަރުގަދަ ވިޔަސް، ބައެއް ފަހަރު ލޮލުން ކަރުނަ ފޭދެއެވެ. މަންމަޔާ އެހާ ގާތުގައި އުޅެވި، އަހަރެންގެ ކުށެއް ނެތީސް، އަދަބު ލިބޭތީއެވެ. އަހަރެންގެ ބައްޕަ އަހަންނަށް ގުޅައެވެ. ހާލުއަހުވާލު އަހައެވެ. އެހެނަސް އެއީ ހަށިގަނޑަށް ފައިދާވާ ކަހަލަ ގުޅުމެއް ނޫނެވެ. ބައްޕަ ގުޅާ ގިނަ ފަހަރު މަންމައަށް އެ ކަން އެނގެއެވެ. އަހަންނަށް ގުޅައިފައި، މަންމަ ގާތުގައި އެ ވާހަކަ ބައްޕަ ބުނަނީކަމަށް ވެދާނެއެވެ. އަނެއްކާ ވެސް މަންމައަށް އެ ލިބުނީ ރުޅިއަންނާނެ ސަބަބެކެވެ. ރުޅިއައިސްގެން އަހަންނަށް ހަޅޭއްލަވަން މަންމަ ގުޅައެވެ. ކިޔާނީ އަބަދު ވެސް ކިޔާ ތަސްބީހައެވެ. އަހަރެން ދެކެ ލޯބިނުވާ ވާހަކައާއި، ރުޅިއަންނަން ވާހަކައާއި، ފޫހިވާ ވާހަކައެވެ. ކެތްތެރިކަމާ އެކުގައި އަޑުއަހައިފައި އަހަރެން ފޯނުބާއްވަމެވެ.
އަހަރެންގެ ބައްޕަގެ ގެ ހުރީ ހަދައި، އަހަރެންގެ ބައި ކުއްޔަށްދީފައެވެ. އޮފީހަށް ނުގޮސް ގޭގައި އޮތަސް އަހަންނަށް މަހަކު އަށާރަ ހާސް ރުފިޔާ ލިބޭނެއެވެ. އެ ފައިސާގައި އަހަރެން އަތްލާކަށް ނުޖެހެއެވެ. އަހަރެންގެ ހުރިހާ ހަރަދަކާއި، އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އަޝްރާނެވެ. އެހެންކަމާ އެކުގައި ވެސް، ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް އަހަންނަށް ވާން ފެށިއެވެ. ކަންކަމާ ފިކުރުބޮޑުވާން ފެށިއެވެ.
ރޭގަނޑު ނިދެނީ ވަރަށް ދަންވާ ފަހުންނެވެ. ފަތިހު ހޭލެވޭ އިރު ހުންނަނީ މެޔަށް ބާރުވާން ފަށައިފައެވެ. ކާހިތެއް ނުވެއެވެ. ނުފިލާ މަޑު ހުމެއް ހުންނަން ފެށިއެވެ. ބައެއް ފަހަރު ގައިގަ ރިއްސައެވެ. ކަމެއް ކުރާ ހިތެއް ނުވެއެވެ. ބޭނުންވަނީ އެނދުގައި އޮށޯވެލައިގެން އޮންނާށެވެ. ގާތުގައި އަޝްރާން އިންނަން ބޭނުންވެއެވެ. ކިތަންމެ ދުވަހަކު އަޝްރާން ޑިއުޓީއަށް ސަލާންބުނެއެވެ. ދެން އަހަރެން ބޭނުންވަނީ އަޝްރާންގެ ސައިކަލު ފަހަތުގައި އިންނާށެވެ. ކޮންމެ ތާކަށް އަޝްރާން ދިޔަސް ވެހެވެ. އަޝްރާންގެ ބައެއް ރައްޓެހިން ދިމާކުރަން ވެސް ފެށިއެވެ. އަހަންނަކީ ސައިކަލުގެ "ސްޕެއަރ ފުރޮޅެއް" ހޭ ވެސް އަހައިލައެވެ. އަޝްރާން ހިނިގަނޑަކުން ނިންމައިލައެވެ. އެ ކަމާ ހިތްބަރުނުކުރުމަށް ބުނެ އަހަންނަށް ފަހުން ހިތްވަރު ވެސް ދެއެވެ. އަހަރެންގެ ހިތުގައި އެހެން ބިރުވެރިކަމެއް ވެސް މޫލައި ކުރިފަޅަމުންދިޔައެވެ. އަހަރެން މަތިން ފޫހިވެގެން އަޝްރާން، އަނެއްކާ ވެސް އެހެން މީހަކާ ހިތާވެދާނެ ހެއްޔެވެ؟ އެންމެ ފަހުން އަހަރެން ވަރިކޮށްފާނެ ހެއްޔެވެ؟ އޭރުން ދަރިންނަށް ކިޔަވައިދީ، ކުދީންގެ ކަންތައް އަހަންނަށް ބެލެހެއްޓޭނެ ހެއްޔެވެ؟ އަހަރެންގެ ސިކުނޑިއެކޭ، ކެކެމުން ބޮކިޖަހަމުންދިޔަ އަލިފާން ފަރުބަދައެކޭ އެއްގޮތެވެ. އަލިފާންގަނޑު ނުކުންނާނެ ދިމާއެއް ނެތެވެ.
އަހަރެންގެ ބަލި، ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވާން ފެށިއެވެ. ކަމަކާ ނުލައި ރޮވެން ފެށިއެވެ. އެނދުން ނުތެދުވެވެން ފެށިއެވެ.
"ހިނގާ ޑޮކްޓަރަށް ދައްކަން،" އެންމެ ފަހުން އަޝްރާން އެދުނެވެ. "ކޮންމެވެސް މައްސަލައެއް އެބަ އުޅޭ!"
"ޑޮކްޓަރަށް ގޮސް ކީކޭ ބުނާނީ؟" އަހަރެން ބުނީމެވެ. "ބައްޔެއް ހުރި ނަމަތާ ދައްކާނީ."
"އަހަރެން ބުނީތީ ދެވިދާނެއްނު!" އަޝްރާން އެދުނެވެ. "އަހަންނޭ ވާހަކަދައްކާނީ. ޑޮކްޓަރަށް ދައްކައިގެން ރަނގަޅުނުވިއްޔާ ފަންޑިތަހަދައިގެން ވެސް ތި ކަން ރަނގަޅުކުރަން ވެއްޖެ!"
އަހަރެން އެއްބަސްވީމެވެ. މާލެއިން ދެއްކެން ހުރި ހުރިހާ ޑަކުޓަރަކަށް ދައްކައިފައި އިންޑިޔާއަށް ދިޔައީމެވެ. ބެންކޮކަށް ދިޔައީމެވެ. އެންމެން ވެސް ބުނަނީ ދާދި އެކައްޗެކެވެ. އަހަންނަށް ޖެހިފައިވަނީ ހިތުގެބައްޔެކެވެ. އެއީ ޑިޕްރެޝަންއެވެ. އެއްވެސް ކަމަކާ މާ ބޮޑަށް ފިކުރުކުރޭތޯ ޑަކުޓަރު އެހިއެވެ. ފިކުރުނުކުރާނީ ކާކު ހެއްޔެވެ؟ މަންމަގެ ލޯބި އަހަންނަށް މަދުވެއެވެ. ފިރިމީހާ ގެއްލިދާނެތީ އަހަރެން ބިރުގަނެއެވެ. އަހަންނަށް އެނގެނީ އެ ދެ ސަބަބެވެ. ތިންވަނަ ސަބަބު އޭރަކު ނޭނގެއެވެ. ހީ ވެސް ނުކުރާ ކަމެއްގައި މީހަކު ޑިޕްރެޝަނަށް ހިނގައިދާނެކަމަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟
އަހަރެން ދެކެ މަންމަ ލޯބިނުވާކަން ވަރަށް ގިނަ މީހުންނަށް އެނގޭނެއެވެ. އެކަމަކު އަހަރެން ހިތުގަޖައްސަން މަންމަ ކުރާ ކަންތައް މީހުންނަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޑަކުޓަރު ގާތުގައި ވެސް އެ ވާހަކަ ބުނުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނެއެވެ. މަންމައަށް ހިތްނުބައިކޮށް، ބަދުދުއާކުރުމަކީ އަހަރެން ނުކުރާނެ ކަމެކެވެ. އަހަރެންގެ މަންޒިލު އޮތީ އެ ފައިތިލަ ދަށުގައެވެ. އަހަންނަށް މުހިންމީ މައްސަލައެއް ނޫނެވެ. ފަރުވާއެވެ.
ބެންކޮކުން ދެއްކި ޑަކުޓަރު ބުނި ގޮތުގައި އަހަރެން ހިތުގެބައްޔެއްގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އަހަރެން ރުޅިއައިސް ފޫހިވެގެން އުޅެނީ ކޮން ކަމަކާ ހެއްޔެވެ؟ އަހަރެން ބަހަނާއަކަށް ދެއްކީ އޮފީސް މަސައްކަތެވެ. ބިޒީކަމެވެ. ވަޒީފާގެ ކުރިއެރުން ނުލިބޭކަމާއި، އާއިލާއާ އެކުގައި ހޭދަކުރަން ލިބޭ ވަގުތު މަދުކަމެވެ. އެއީ ތެދެއް ނޫންކަން އަޝްރާނަށް އެނގޭނެއެވެ.
"ޑޮކްޓަރު ކައިރީގަ ކީއްވެ ދޮގުހެދީ؟" ހޮސްޕިޓަލުން ނުކުމުގެން ގެއަށް އައި މަގުމަތީގައި އަޝްރާން އެހިއެވެ. "ތެދަށް ބުނި ނަމަ."
"އަހަންނަށް އެނގިގެންތާ!" އަހަރެން ބުނީމެވެ. "މަންމަ ރުޅިއަންނާތީ އަހަރެން ގައިމު ވެސް އުފަލެއް ނުވޭ! އެ ކަމާ އެއްބަސް. އެކަމަކު، ކުޑަ އިރުއް ސުރެ އެހެން އުޅެއުޅެ އަހަރެން ފާޑަކަށް އާދަވެއްޖެ! އެބަ އެނގޭ ކީއްވެގެންކަން މަންމަ އެހާ ރުޅިއަންނަނީ. އެ ރީޒަން އަހަންނަށް އަންޑަސްޓޭންޑް ވެސް ވޭ! އެއީ ޑިޕްރެޝަނަށް ދާ ވަރު ކަމެއް ނޫން. އަހަރެން ދެކެ އަޝްރާން ފޫހިވެދާނެތީ ވަރަށް ވިސްނޭ! ފުރަތަމަ ފަހަރަށް އެ ވާހަކަ މި ބުނީ. އެކަމަކު އެއީ ވެސް ޑިޕްރެޝަނަށް ދާ ވަރުގެ ކަމެއް ނޫން."
"ދެން ކޮބާ މައްސަލައަކީ؟" އަޝްރާން ސުވާލުކުރިއެވެ.
ނުނިމޭ