މަހުލޫފް އެދިވަޑައިގަންނަވަނީ މައްސަލަ އަވަސް ކޮށްދިނުމަށް
މަހުލޫފް އެދިވަޑައިގަންނަވަނީ މައްސަލަ އަވަސް ކޮށްދިނުމަށް

އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ގޮތެއް ނިންމަވައިދެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފި އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފް ވިދާޅުވީ، އޭނާގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި އޮންނަތާ 65 ދުވަސް ވެފައިވާއިރުއެ މައްސަލަ ނިމޭނެ އިރެއް އަދިވެސް ނޭނގޭ ކަމަށް ޕީޖީ އޮފީހުން ބުނާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ޕީޖީ އަށް މައްސަލަ ފޮނުވިތާ ހަތް ދުވަސްތެރޭގައި ދައުވާ ކުރި ކަމަށާއި، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްސަލަ ވެސް ޕީޖީ އަށް ފޮނުވިތާ 10 ދުވަސްތެރޭ ދައުވާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލަ އަަށް 65 ދުވަސް ވީއިރު އަދިވެސް ވިދާޅުވަނީ ނިމޭޭނެއިރެއް ނޭނގޭ ކަމަށް. ދައުވާ ކުރިޔަސް ނުކުރިޔަސް ގޮތެއް ނިންމަވާށެވެ." މަހުލޫފް ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް ވެސް މަހުލޫފް ތުހުމަތު ކުރައްވަ އެވެ.

"މިހާރު" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި ދައުވާ ނުކުރުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ. މިއީ ޕީޖީން މިހާތަނަށް ވަކި ޑިޒިޝަނެއް ނަގާފައި ނުވާ މައްސަލައެއް ކަމަށާއި، މިފަދަ މައްސަލަތަކުގައި ޕީޖީން އަމަލު ކުރާ އުސޫލާ އެއްގޮތަށް، ތަފާތެއް ނުގެންގުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، މަހްލޫފްް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން، 16 އޭޕްރީލްގަ އެވެ.

އޭގެ ފަހުން މިދިޔަ ޖޫން މަހު މި މައްސަލައިގައި މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުން، ޕީޖީން ވަކި ގޮތެއް އަންގަވަންދެން މަސައްކަތްތަކުން އެކަހެރިވުމަށް ރައީސް އަންގަވާފައިވެ އެވެ.