އިބްތިޝާމާ ވަކިކޮށް، އެމްޓީޑީސީގެ ޗެއާމަނަކަށް ނިޝާން ހަމަޖައްސައިފި
އިބްތިޝާމާ ވަކިކޮށް، އެމްޓީޑީސީގެ ޗެއާމަނަކަށް ނިޝާން ހަމަޖައްސައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިބްތިޝާމާ އަހުމަދު ސައީދު، އެ ކުންފުނިން ވަކިކޮށްފި އެވެ.

އިބްތިޝާމާ ވަކިކޮށް، އެމްޓީޑީސީގެ ޗެއާމަނަކަށް ނިޝާން ހަމަޖައްސައިފި
އިބްތިޝާމާ ވަކިކޮށް، އެމްޓީޑީސީގެ ޗެއާމަނަކަށް ނިޝާން ހަމަޖައްސައިފި

އެމްޓީޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި މި މަހުގެ ހަތެއްގައި ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން އިބްތިޝާމާ ވަކިކޮށްފަ އެވެ. އަދި އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް ކަމަށްވާ އަލީ ނިޝާން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު، މި ބަދަލު ގެނައި ސަބަބެއް ނުބުނެ އެވެ.

އެމްޓީޑީސީން އިބްތިޝާމާ ވަކިކުރިޔަސް، އޭނާ އަކީ އަދިވެސް ގަން އެއާޕޯޓު ބަލަހައްޓާ ކުންފުނި ކަމަށްވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ)ގެ ޖެނެރަލް މެނޭޖަރެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އެމްޓީޑީސީގެ ޗެއާމަނަކަށް ހަމަޖެއްސި ނިޝާން އެ ކުންފުނީގެ ބޯޑާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓުގަ އެވެ. އެމްޑީޕީގެ ސަރުކާރުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބަހާލުމަށް ފަހު އުފެއްދި ދެ ކުންފުނީގެ ތެރޭގައި ހިމެނޭ ފެލިވަރު ފިޝަރީޒްގެ ޑިރެކްޓަރުކަން ވެސް ކުރެއްވި ނިޝާން އަމިއްލަ ބައެއް ވިޔަފާރިތަކުގައި ވެސް އުޅުއްވަ އެވެ.

ސަރުކާރުން ރިސޯޓް ވިޔަފާރި އަށް ވަނުމަށް 2005 ގައި އުފެއްދި އެމްޓީޑީސީ އަށް އަދި މާ ބޮޑު ކާމިޔާބީތަކެއް ނުހޯދެ އެވެ. އެކަމަކު ބައެއް ރިސޯޓުތައް ވިއްކާލުމާއި މިހާރު ފަށާފައިވާ ރީސްޓްރަކްޗަރިން މަސައްކަތްތަކާ އެކު، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 2.83 މިލިއަން ޑޮލަރު (43.6 މިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.