ހިންދޫ ކާޓޫން "ޗޯޓާ ބީމް" ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާ މައްސަލަ ބަލަނީ
ހިންދޫ ކާޓޫން "ޗޯޓާ ބީމް" ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާ މައްސަލަ ބަލަނީ

ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައިވާ ހިންދޫ ދީނުގެ މަޝްހޫރު ކާޓޫނެއް ކަމަށްވާ "ޗޯޓާ ބީމް" ކުރަހަފާއިވާ ޗޮކްލެޓެއް ވިއްކާ މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާ ކަމުގެ ޝަކުވާ އެ އިދާރާ އަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

އިނގިރޭސިވިލާތުގެ ކެޑްބަރީ ޑެއިރީ މިލްކް ބްރޭންޑްގެ މި ޗޮކްލެޓުގައި "ޗޯޓާ ބީމް" އެކި ކެރެކްޓާތައް ކުރަހާފައި ވެ އެވެ. މިއީ ބްރޮޑްކާސްޓިން ކޮމިޝަނުން، ރާއްޖޭގައި ދެއްކުން ވެސް މަނާކޮށްފައިވާ ކާޓޫނެކެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަނާއި ހެދުމާއި އަދި އެ ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ އެއްޗެހި ވިއްކުމާއި ގެންގުޅުމާއި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.