ހަފުތާއެއްގެ ތެރޭގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް!
ހަފުތާއެއްގެ ތެރޭގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް!

ރާއްޖޭގެ ބާޒާރުގައި ޑޮލަރު ގެންގުޅޭ ވަރު ތިޔާގިވުމުން ޑޮލަރުގެ އަގު ހަފުތާއެއްގެ ތެރޭގައި 18.80ރ. އިން 17.40ރ. އަށް ވެއްޓިއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ހަފްތާއާ ހަމައަށް ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 19ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޑޮލަރުގެ އަގު ވަނީ 17.60 އާއި 17.40ރ. އާ ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ.

ޑޮލަރުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުނީ ޑޮލަރުގެ އަގު މި ހަފުތާ ނިމޭ އިރު 17ރ. އަށް ވެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ. ޑޮލަރުގެ އަގު އެހާ ބޮޑަށް ވެއްޓުނީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށް އޭނާ ބުންޏެވެ. އެއް ސަބަބަކީ ޓޫރިސްޓުން އަންނަ ވަރު އިތުރުވުމެވެ. އަނެއް ސަބަބަކީ ވިޔަފާރިވެރިންގެ ބޭނުމަށް ޑޮލަރު ބޭނުން ކުރާ ވަރު ދަށްވުމެވެ.

"ވިޔަފާރިވެރިން އާންމުކޮށް ވިޔަފާރިކުރަންދާ ތަންތަން މިހިރީ ބަންދުކޮށްފައި. ކުރިން ތައިލެންޑް، މެލޭޝިއާ ފަދަ ތަންތަނަށް ދާން ވިޔަފާރިވެރިން 30،000 އިން ޑޮލަރު ހޯދާނެ. މިހާރު އެވަރަކަށް ޑޮލަރެއް ނުހޯދާ،" އޭނާ ބުންޏެވެ.

މިމަހު ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 4،000 ޓޫރިސްޓުން މިހާރު އާދެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 6،000 ޓޫރިސްޓުން އައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ އެތައް އަހަރަކަށް ފަހު ޑޮލަރުގެ ކަޅު ބާޒާރު އުފެދުނެވެ. އަދި ރަސްމީ ރޭޓް ކަމަށްވާ 15:42ރ. އިން ޑޮލަރު ލިބުން ހުއްޓުމަކަށް އައިސް މަހުޖަނުންގެ ކޮންޓްރޯލްގެ ދަށަށް އެ މުއާމަލާތް ދިޔަ އެވެ. މިދިޔަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެމްއެމްއޭ އިން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އަޅާނެ ފިޔަވަޅުތައް އިޢުލާނު ކޮށްފައެއްނުވެ އެވެ.