މެސީއަށް ޕީއެސްޖީން ދެ އަހަރުގެ އެއްބަސްވުމެއް؛ މުސާރައަށް 41 މިލިއަން ޑޮލަރު
މެސީއަށް ޕީއެސްޖީން ދެ އަހަރުގެ އެއްބަސްވުމެއް؛ މުސާރައަށް 41 މިލިއަން ޑޮލަރު

ޕެރިސް (އޯގަސްޓް 10) - ދެ އަހަރުގެ އެއްބަސްވުމެއްގައި ފީއެސްޖީ އަށް ބަދަލުވާން ލިއޮނެލް މެސީ އެއްބަސްވެއްޖެ އެވެ.

މުސާރައިގެ ގޮތުގައި އަހަރަކު 41 މިލިއަން ޑޮލަރު ޕީއެސްޖީން މެސީ އަށް ދޭނެ އެވެ. އަދި އެ ކްލަބު ބޭނުން ނަމަ އިތުރު އެއް އަހަރަށް އޭނާ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވުމުގެ އިހްތިޔާރު ވެސް ޕީއެސްޖީ އަށް ލިބެ އެވެ.

މެސީގެ އެޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖޯ މެސީ އާއި މެސީގެ ލޯޔަރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޕީއެސްޖީއާ އެކު ދިޔައީ ވާހަކަތައް ދައްކަމުންނެވެ. އެފްސީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އެ ޓީމާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވި އެވެ. އެހެންނަމަވެސް ބާސާގެ މާލީ ހާލަތުގެ ސަބަބުން އެ ކްލަބަށް އޭނާ އާއެކު ކުރިއަށް ނުދެވުނީ އެވެ. ބާސާއާއެކު މެސީ އެއްބަސްވީ އަހަރަކު 20 މިލިއަން ޕައުންޑަށެވެ.

ޕީއެސްޖީގައި މެސީ ބޭނުންކުރާނެ ޖޯޒީ ނަންބަރެއް އަދި ފައިނަލެއް ނުވެ އެވެ. ޕީއެސްޖީގެ 10 ނަންބަރު ޖޯޒީ ބޭނުންކުރަނީ މެސީއާ އެކު ބާސާ އަށް ކުރިން ކުޅުނު ނޭމާ އެވެ. ބާސާގައި މެސީ އެންމެ ފުރަތަމަ ބޭނުން ކުރީ 19 ނަންބަރު ޖޯޒީ އެވެ. އެއީ އޭނާ ބާސާގައި ކެރިއާ ފެށިއިރު އެ ޓީމުގެ 10 ނަންބަރު ޖޯޒީ، ރޮނާލްޑީނިއޯ ބޭނުންކުރަމުންދާތީ އެވެ.

މެސީއާއެކު ކުރިން ކުޅުނު ނޭމާ އާއި އާޖެންޓީނާގެ ގައުމީ ޓީމުގައި އެކުގައި ކުޅޭ އޭންހަލް ޑީ މާރީއާ ޕީއެސްޖީގައި އެބަހުއްޓެވެ. މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭނެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އެލްކްލެސިކޯގައި މިދިޔަ ހަތަރު އަހަރު މެސީގެ ވާދަވެރިޔެއްގެ ގޮތުގައި ހުރި ސާޖިއޯ ރާމޯސް އެވެ.