10 އޯގަސްޓް 2021 - 16:07

ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަޡް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން 12.07 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފްލޯއެއް ގާއިމްކުރާނެ އެވެ.
މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.
އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 86 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.