"ގާލްސް ޓު ކޯޑް" މިފަހަރު ކުޅުދުއްފުށީގައި
"ގާލްސް ޓު ކޯޑް" މިފަހަރު ކުޅުދުއްފުށީގައި

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ގާލްސް ޓު ކޯޑް"ގެ ތިންވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުށްޓަށް ހާއްސަކޮށްފި އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެހެންކަމުން 14-20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް https://bit.ly/girlstocodemv2021 މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.

ގާލްސް ޓު ކޯޑު ޕްރޮގްރާމުގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ ނިޔަލަށެވެ. މިއީ ހިލޭ ދިރާގުން ހިންގާ ޕްރޮގްރާމެކެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން މި ޕްރޮގްރާމު ހިންގަނީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކޮށް، އެ ދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ބޭނުމުގަ އެވެ. މީގެ ކުރިން ބޭއްވި ދެ ޕްރޮގްރާމަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި ޕްރާގްރާމު އެންމެ ފުރަތަމަ ބޭއްވީ ފުވައްމުލަކުގަ އެވެ. ދެވަނަ ޕްރޮގްރާމް ބާއްވާފައިވަނީ ގދ. ތިނަދޫގަ އެވެ.