10 އޯގަސްޓް 2021 - 15:42

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ފައިސާގެ ބޭނުމުގައި ރޭ ދަންވަރު ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އުމުރުން 34 އަހަރުގެ އެ ޑްރައިވަރުގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް މިއަދު ބުނި ގޮތުގައި ރޭ 12:30 ހާއިރު ޓެކްސީ ޑްރައިވަރަށް ހަމަލާދިނީ ހުޅުލެ އިން ޓެކްސީ އަށް އެރި އިންޑިއާގެ ފިރިހެން ޓޫރިސްޓަކެވެ.
އެ މީހާ ޓެކްސީ އަށް އެރީ ފްލައިޓް ކަޓައި، އޭނާ އަށް ފުރޭ ގޮތް ނުވެގެން އަނބުރާ ގެސްޓް ހައުސް އަށް ދިއުމަށް ކަމަށް ބުނެ އެވެ.
މީގެ ނުވަ މަސްް ކުރިން ޓެކްސީ ދުއްވަން ފެށި ޑްރައިވަރާ ހަވާލާދީ އޭނާގެ އާއިލާގެ މީހާ ބުނީ އެ ބިދޭސީ މީހާ އެދުނީ ހުޅުމާލޭގެ "ނިރޮޅުމަގު 19" ގައި ހުންނަ ތަނަކަށް ގެންގޮސްދޭށެވެ.
ދަތުރު ނަގައިގެން ދިޔަ މަގުމަތީގައި އެ ހިސާބަށް ދެވުމާ އެކު، ފަހަތު ސީޓުގައި އިން އެ ބިދޭސީމީހާ ލައިގެން ހުރި ޓީޝާޓް ކުއްލި ގޮތަކަށް ބާލައި، ޑްރައިވަރުގެ ކަރުގައި އޮޅައިލާ ހަމަަލާދިން އިރު ފަހުން ޓެކްސީން ފޭބުމުން ވެސް ޓެކްސީ ޑްރައިވަރުގެ ކަރުގައި އަތުން ހިފި އެވެ.
ފަހުން ފިލަން ދުވަނިކޮށް ފުލުހުން ގޮސް އޭނާ ހައްޔަރުުކުރިއިރު އެ މީހާ އެތަނުން ހައްޔަރުކޮށްގެން ގެންދިޔައިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ.