10 އޯގަސްޓް 2021 - 15:39

މީގެ ކުރިން ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި މަރްޔަމް ރިޝްފާ، އެ މަގާމަށް އަލުން އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ރިޝްފާ އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ރިޝްފާ ކުރައްވާފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ކުރިމަތީ އެވެ. އަދި އެ މަގާމަށް އައްޔަން ކޮށްފައިވާ ކަމުގެ ލިޔުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އާ ރިޝްފާ އާ ހަވާލުކުރެއްވި އެވެ.
ރިޝްފާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން އަދާ ކުރައްވަން ފައްޓަވާފައި ވަނީ 2016 އިން ފެށިގެން ފަސް އަހަރަށެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޕާޓް-ޓައިމް ލެކްޗަރާ އެކެވެ.
ރިޝްފާ ވަނީ ވިލާ ކޮލެޖުން މާސްޓަ އޮފް ޝަރީއާ އާއި ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވައިފަ އެވެ.