10 އޯގަސްޓް 2021 - 12:39

ފުލުހުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާލާފައިވާ ބޯޑެއް ކަމަށް ބެލެވޭ ކަމަށާއި އެ ޕާޓީން އުޅެނީ ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލައި ބަދަލު ހިފުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.
ފުުލުހުންގެ މުވައްސަސާއާ މެދު އެމްޑީޕީން ގެންގުޅެނީ ބަދަލު ހިފުމުގެ ރޫހެއް ކަމަށް ބުނެ އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒާ އެކު އެ މުވައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަގާމުތަކުގައި ތިއްބެވި ކޮމިޝަނަރުންތަކެއް ވަކިކުރުމަށް ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅުން ސިފަކުރި ގޮތުގައި އެކަމަކީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގައި ޖަރީމާއަށް އެކުވި ބޮޅެކެވެ.
ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ހަތް އޮފިސަރަކު މަގާމުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމައި، އެކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް އަންގާފައިވާ ކަމަށްވެ އެވެ. އެ ނިންމުން ތަންފީޒުކުރައްވާނީ ސީޕީ އެވެ.
އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލައި އެ މުވައްސަސާ ސިޔާސީ ކުރުމަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކަން ކާމިޔާބުކުރެވިފައި ނުވާ ކަމަށެވެ.
އިދިކޮޅުން ބުނީ ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، އޭރު ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު ވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކަމަށެވެ.
"އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އެކަން ފުލުހުންނާއި ސިފައިންނާ މަތިކޮށް ބަދަލު ހިފުމަށް ކުރަމުންގެންދާ މަސައްކަތެއްގެ ގޮތުގައި މި ކޯލިޝަނުން ދެކެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވަނީ ފުލުހުންގެ މުވައްސަސާއާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެ މުވައްސަސާގެ އިސްވެރިންތަކެއް ވަކިކުރަންޖެހޭ ކަމަށާއި އަދި އެމުވައްސަސާގެ އިސް އޮފިސަރުންތަކަކާ މެދު ބަދަލު ހިފުމުގެ ރޫހުހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގައި ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދަކީ ރައީސްގެ ޅިޔަނެއް ކަމަށާއި ހަމީދު އެ މަގާމުގައި ބެހެއްޓުމަކީ ވެސް ބަދަލު ހިފުން ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީއަށް އިދިކޮޅުން ގޮވާލާފައި ވަނީ ފުލުހުންނާއި ސިފައިންއަކީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތާ އަދާކުރަމުން އަންނަ ބަޔަކަށްވާތީ އެ މުވައްސަސާތައް ސިޔާސީ ނުކުރުމަށެވެ. އަދި ފުލުހުންގެ ބޯޑުގެ ނިންމުން މުރާޖާ ކުރުމަށް ގޮވާލި އެވެ.