10 އޯގަސްޓް 2021 - 12:15

ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފެށުމުން، މި ނިޒާމީ ބަދަލާ އެކު، ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތައުލީމީ ހަޔާތުގައި ފުރަތަމަ ފަހަރަށް މިއަދު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފަށައިފަ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ މި ބޮޑު ބަދަލަކާ އެކު، މިއަދު ކިޔެވުން މި ފެށީ ގިނަ ބައެއްގެ އެދުމާ އެއްގޮތަށް އަދި ކޮވިޑް-19 ގެ ސަބަބުން ގެންނަން ޖެހުނު ބަދަލުތަކާ ވެސް އެކުގައި ކަމަށެވެ.
"މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ. ބެލެނިވެރިންނާއި ދަރިވަރުން އެކުގައި ހޭދަކުރާ ވަގުތު އިތުރުވެގެން ދާނެ. މާޒީގައި ގެއްލިފައިވާ ފިލާވަޅުތައް ހޯދައިގަތުމުގެ ފުރުސަތު ވެސް މަތިވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ދިރާސީ އާ އަހަރާ އެކު، ކޮވިޑްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް އޮތް މަނާކުރުންތައް ނިމި، ސްކޫލްތަކުގެ އާންމު ހާލަތު ގާތްގަނޑަކަށް މިހާރު އިޔާދަކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މާޒީވި ދޮޅު އަހަރުން އަޅުގަނޑުމެންނަށް ދަސްވި އެންމެ މުހިންމު ދަރުސަކީ ދަސްކުރާށާއި ދަސްކޮށްދިނުމަށް އެންމެ މޮޅު ގޮތަކީ މުދައްރިސާއި ދަރިވަރުން ކުލާހުން ބައްދަލުވެގެން ކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ގައުމު ބިނާކުރުމުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ބަލައިގަންނަ ކަމަށާއި އަދި އެކަމުގެ ރަމްޒެއްގެ ގޮތުން، އެންމެ ފުރަތަމަ މުސާރަ ބޮޑު ކުރާ ބައެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ މުވައްޒަފުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.
ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތާ އެކަށީގެންވާ ވަރަށް މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް، ދިރާސީ އާ އަހަރު ފާހަގަކުރަން މިއަދު ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިއަދު އަމަލުކުރަން ފަށާ، ތައުލީމީ ގާނޫނާ އެކު ޓީޗަރުންނަށް ލައިސަންސް ދޫކުރަން މިނިސްޓްރީން ފެށުމުން އުއްމީދު ކުރެވެނީ ޓީޗަރު ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި، ޓީޗަރުންތަކެއް ކުރިމަގުގައި ލިބޭނެ ކަމަށް ކަމަށާ އަދި އޭގެ ސަބަބުން ދަރިވަރުންގެ ފެންވަރު ވެސް ރަނގަޅު ވާނެ ކަމަށް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ކިޔަވައިދޭން ފެށީ 92،000 ވުރެ ގިނަ ދަރިވަރުންނާ އެކު އެވެ.
ސަރުކާރުން ވަނީ އާ އާއްމު ހާލަތާ އެކު ކުރިއަށް ދިއުމަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިންގެ ތެރެއިން، ސްކޫލްތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމާއި އަދި 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ދޭން ފަށަން ވަނީ ނިންމައިފަ އެވެ. މި ހަފުތާ ތެރޭގައި ދަރިވަރުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ އެވެ.