10 އޯގަސްޓް 2021 - 11:59

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް، ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.
ކުރިން ވެސް 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތް ކުރި ސުޒޭން އެންމެ ފަހުން މަސައްކަތް ކުރީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗަކަށެވެ.
އޭނާގެ އެސިސްޓެންޓުންނަށް ހަމަޖެއްސި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އަކީ ކުރިން ސުޒޭންގެ ކޯޗު ކަމުގެ ދަށުން ކުޅެ ކާމިޔާބު ހޯދާފައިވާ ކުޅުންތެރިޔެކެވެ. ކޯޗެއްގެ ގޮތުގައި މަތީ ލެވަލްގައި ސޮބާ ވަނީ ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓް، ވެލެންސިއާގައި މަސައްކަތް ކޮށްފަ އެވެ. ގައުމީ ޓީމުގެ މަގާމަށް ދިއުމުގެ ކުރިން ސޮބާ އަކީ ފުޓްބޯޅައާ ގުޅޭ ގިނަ ކަންކަމުގައި އެފްއޭއެމަށް ފާޑު ކިޔާފައިވާ މީހެކެވެ.
ދެ ވަނަ އެސިސްޓެންޓަކަށް ހަމަޖެއްސި މުހައްމަދު ޝާހިދު (ޝާޑް) ވެސް ވަނީ މީގެ ކުރިން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގައި އޭ ލައިސަންސް ކޯޗިން ކޯސް އެންމެ ފުރަތަމަ ހެދި ކޯޗުންގެ ތެރޭގައި ހިމެނުނު ޝާޑް ވަނީ ވީބީ ސްޕޯޓްސް ކްލަބުގައި ވެސް މަސައްކަތްކޮށްފަ އެވެ.
ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރެނޭ ހިޑިންކް ވަނީ އެ މަގާމުން ވަކި ކޮށްފަ އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމަށް ރެނޭ، ހަމަޖެއްސީ ޖެނުއަރީ 2020 ގަ އެވެ. އޭރު އޭނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން، އެފްއޭއެމުން ފަހުން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފަ އެވެ. އޭގެ އިތުރަށް 16 އަހަރާއި 21 އަހަރާ ދެމެދު އުމުރުފުރާގެ ޑެވްލޮޕްމެންޓް މަސައްކަތް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް އެފްއޭއެމުން އޭނާއާ ހާވަލުކުރި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، "މިހާރު" އަށް ވިދާޅުވީ ރެނޭ ދޫކޮށްލިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާ ދޫކޮށްލީ 23 އަހަރުން ދަށުގެ މުބާރާތެއް ވެސް ކުރިމަތީގައި އޭރު ނެތުމުން ކަމަށެވެ.
ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް މިއަދު ހަމަޖެއްސި ސުޒޭންގެ ކޯޗު ކަމުގެ ދަށުން ގައުމީ ޓީމު އެންމެ އަވަހަށް ކުރިމަތިލާނީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނާ އެވެ.
އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ކުޅޭނީ އޮކްޓޯބަރު 23-30 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ 2013 ގެ ޗެމްޕިއަން އިރާގާއި ބަހްރެއިން އަދި އަފްގާނިސްތާނާ އެކު ގުރޫޕް ސީގަ އެވެ. ކޮލިފައިން މެޗުތައް އޮންނާނީ ބަހްރޭނުގަ އެވެ.
މުބާރާތުގައި ވާދަކުރާނީ 16 ޓީމެވެ. އުޒުބެކިސްތާނަށް މުބާރާތުން އޮޓަމެޓިކް ޖާގަ ވަނީ ލިބިފަ އެވެ. ބާކީ 15 ޖާގަ ލިބޭނީ ގުރޫޕުތަކުގެ އެއް ވަނަ ހޯދާ 11 ޓީމުގެ އިތުރުން، ގުރޫޕުތަކުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ.
ރާއްޖެ ލައްވާލީ، އިރާގާއި ބަހްރޭންއާ އެކު ހުޅަނގު އޭޝިއާ އިން ހުޅަނގުގެ މައި ޒޯނަށެވެ.