ވޮލީ ޓީމަށް ލަންކާގެ ކުރީގެ ކޯޗު ހަމަޖައްސައިފި
ވޮލީ ޓީމަށް ލަންކާގެ ކުރީގެ ކޯޗު ހަމަޖައްސައިފި

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ހެޑްކޯޗަކަށް ސްރީ ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިސިރާ ކުމާރު ހަމަޖައްސައިފި އެވެ.

ކުރިން އެސޯސިއޭޝަނުން ނިންމާފައި އޮތީ ޓީމުގެ ޓްރޭންކުރުމުގެ މަސައްކަތް ސިސިރާއާ ހަވާލުކުރުމަށް ފަހު ހެޑްކޯޗަކަށް ދިވެއްސަކު ހަމަޖެއްސުމަށެވެ. އެކަމަކު މިހާރު ވަނީ އެ ހިޔާލު ދޫކޮށް ދެ ޒިންމާ ވެސް ސިސިރާއާ ހަވާލުކޮށްފަ އެވެ. އެސިސްޓަންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނިޒާރު އިބްރާހީމާއި ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ދިވެހި ކޯޗަކަށް ބެލި ކަމަށާއި އެކަމަކު މިވަގުތު ކަންކަން ހުރި ގޮތުން، އެކްސްކޯ އިން ނިންމީ ބިދޭސީ ކޯޗެއް ހަމަޖެއްސުމަށް ކަމަށެވެ.

އަންނަ މަހުގެ 22 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށާ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމު ވަނީ ތަމްރީން ހެދުމަށް މިއަދު ސްރީ ލަންކާ އަށް ފުރައިފަ އެވެ. ކޮލަމްބޯގައި ކުރިއަށްގެންދާ 20 ދުވަހުގެ މި ކޭމްޕުގައި 11 ތަމްރީން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ލަތީފް ވިދާޅުވީ ލަންކާ ކޯޗަކީ ތަޖުރިބާކާރު އަދި ސަރަހައްދުގެ ވޮލީބޯޅަ އެނގޭ ކޯޗެއް ކަމަށާއި އޭނާއާ އެކު ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށެވެ.

ސިސިރާ ވަނީ ނިމިގެން ދިޔަ ގައުމީ ވޮލީބޯޅަ މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖެ އައިސްފަ އެވެ. މިވަގުތު އޭނާ ލަންކާގައި ހުރިއިރު މިރޭ އޭނާ ކޮލަމްބޯ އިން ޓީމާ ގުޅޭނެ އެވެ.

ކޭމްޕަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ޖެހިގެން އަންނަ ދުވަހު ޑާކާ އަށް ފުރާނެ އެވެ.

އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާނާއި ކަޒަކިސްތާން އަދި އީރާން ފިޔަވައި ސެންޓްރަލް ޒޯނަށް ނިސްބަތްވާ ނުވަ ގައުމެވެ. ރާއްޖޭން ވަނީ މި މުބާރާތުގެ ދެ ވަނަ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އޭގެ ކުރިން ތައިލެންޑުގެ ސުންޓޮން ފޮސީޓާ ހުރިއިރު މުހައްމަދު ޝަރަފް ވެސް ގިނަ ދުވަސްތަކެއް ވަންދެއް ގައުމީ ކޯޗުގެ މަގާމް އަދާކުރި އެވެ.