10 އޯގަސްޓް 2021 - 11:03

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ޓެކްސީ ޑްރައިވަރުގެ އާއިލާއިން "މިހާރު" އަށް ބުނި ގޮތުގައި ހަމަލާދިނީ ހުޅުލެ އިން ޓެކްސީ އަށް އެރި އިންޑިއާގެ ފިރިހެން ޓޫރިސްޓެކެވެ. އެ މީހާ ޓެކްސީ އަށް އެރީ ފްލައިޓް ކެޓުމުން، އޭނާ އަށް ފުރޭ ގޮތް ނުވެގެން އަނބުރާ ގެސްޓް ހައުސް އަށް ދާން ކަމަށް ވެސް ޓެކްސީ ޑްރައިވަރުގެ އާއިލާ އިން ބުންޏެވެ.
އެ މީހާ އެދުނު ގޮތަށް "ނިރޮޅުމަގު 19" ގައި ހުންނަ ތަނަކަށް ގެންގޮސްދިނުމާ އެކު ލައިގެން ހުރި ޓީޝާޓު ބާލައި ޑްރައިވަރުގެ ކަރުގައި އޮޅާލައި މަރާލަން މަސައްކަތްކުރި އެވެ.
ފުލުހުން ބުނި ގޮތުގައި ޑްރައިވަރަށް ހަމަލާދިން މައްސަލަ ރޭ 12:30 ހާއިރު ރިޕޯޓްކުރުމުން، 25 އަހަރުގެ އިންޑިއާގެ ފިރިހެނަކު އެ މައްސަލާގައި ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ވެސް ހުރީ މަސްތުގެ ހާލަތުގަ އެވެ.
މީގެ ނުވަ މަސް ކުރިން ޓެކްސީ ދުއްވަން ފެށި ޑްރައިވަރާ ހަވާލާދީ އޭނާގެ އާއިލާގެ މީހާ ބުނީ ދަތުރު ނަގައިގެން އޭނާ ދާން ބޭނުންވި މަންޒިލާ ހަމައަށް ދެވެން ދެން ވަރަށް ރީތިކޮށް ޑްރައިވަރާ ވާހަކަ ވެސް ދެއްކި ކަމަށެވެ. އެކަމަކު ކާރުގައި ހަމަލާދިނުމަށް ފަހު، ޑްރައިވަރު ކާރުން ފޭބުމުން ވެސް އޭނާގެ ކަރުގައި ހިފައިގެން އުޅުނު ކަމަށް ބުންޏެވެ.
ހަމަލާއާ ގުޅިގެން ޓެކްސީ ޑްރައިވަރަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ. އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.