ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން ރެނޭ ވަކިކޮށްފި
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން ރެނޭ ވަކިކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 23 އަހަރުން ދަށުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ހޮލެންޑުގެ ރެނޭ ހިޑިންކް މަގާމުން ވަކިކޮށްފި އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމަށް ރެނޭ، ހަމަޖެއްސީ ޖެނުއަރީ 2020 ގަ އެވެ. އޭރު އޭނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން، އެފްއޭއެމުން ފަހުން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފަ އެވެ.

އެ ޓީމުގެ ކޯޗު ކަމުގެ އިތުރަށް 16 އަހަރާއި 21 އަހަރާ ދެމެދު އުމުރުފުރާގެ ޑެވްލޮޕްމެންޓް މަސައްކަތް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް އެފްއޭއެމުން އޭނާއާ ހާވަލު ކުރި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، "މިހާރު" އަށް ވިދާޅުވީ ރެނޭ ދޫކޮށްލިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާ ދޫކޮށްލީ 23 އަހަރުން ދަށުގެ މުބާރާތެއް ވެސް ކުރިމަތީގައި އޭރު ނެތުމުން ކަމަށެވެ. ބައްސާމް ވިދާޅުވީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ތަޖުރިބާކާރު ދިވެހި ކޯޗަކާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރެއާލް މެޑްރިޑާއި ޗެލްސީގެ ކުރީގެ ކޯޗް ގުސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް، ރާއްޖޭގައި ހޭދަކުރި އިރު އޭނާއާ، ސީނިއާ ޓީމުގެ ހެޑް ކޯޗް މާޓިން ކޫޕްމަން އާ މައްސަލަ ޖެހުނުކަން ވަނީ އެނގިފަ އެވެ.

އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ކުޅޭނީ އޮކްޓޯބަރު 23-30 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ 2013 ގެ ޗެމްޕިއަން އިރާގާއި ބަހްރެއިން އަދި އަފްގާނިސްތާނާ އެކު ގުރޫޕް ސީގަ އެވެ. ކޮލިފައިން މެޗުތައް އޮންނާނީ ބަހްރޭނުގަ އެވެ.

މުބާރާތުގައި ވާދަކުރާނީ 16 ޓީމެވެ. އުޒުބެކިސްތާނަށް މުބާރާތުން އޮޓަމެޓިކް ޖާގަ ވަނީ ލިބިފަ އެވެ. ބާކީ 15 ޖާގަ ލިބޭނީ ގުރޫޕުތަކުގެ އެއް ވަނަ ހޯދާ 11 ޓީމުގެ އިތުރުން، ގުރޫޕުތަކުގެ ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ.

އޭއެފްސީން ވަނީ ގްރޫޕްތައް އޭޝިއާގެ މައި ދެ ޒޯނަކަށް ބަހާލައިފަ އެވެ. ހުޅަނގު ޒޯންގައި، ހުޅަނގު އޭޝިއާ އާއި ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ޓީމުތަކެވެ. އިރުމަތީ ޒޯންގައި ހިމެނެނީ އިރުމަތީ އޭޝިއާގެ ޓީމުތަކާއި އާސިއާންގެ ޓީމުތަކެވެ. ކޮންމެ ޒޯންގެއްގައި ހިމެނޭ ގުރޫޕަށް ވެސް ޓީމުތައް ލައްވާލީ މައި ޒޯންގެ ތެރެއިންނެވެ.

ރާއްޖެ ލައްވާލީ، އިރާގާއި ބަހްރޭންއާ އެކު ހުޅަނގު އޭޝިއާ އިން ހުޅަނގުގެ މައި ޒޯނަށެވެ.