ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތުގެ 12 ވަނަ އެޑިޝަން ރާއްޖޭގައި ބާއްވަން ފުރުސަތު ދީފާނެ ކަމަށް ޑިސެމްބަރު 2015 ގައި އުންމީދު ކުރެވުނެވެ. ނަމަވެސް އިންޑިއާގެ ޓްރެވެންޑްރަމްގައި ބޭއްވި 11 ވަނަ މުބާރާތުގެ ހަވާސާގައި ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުން ނިންމީ ބަންގްލަދޭޝް އަށް 12 ވަނަ މުބާރާތް ދިނުމަށެވެ. ބަންގްލަދޭޝްގައި ބޭއްވި މުބާރާތް ރާއްޖެ އިން ކާމިޔާބު ކުރި އެވެ. އޭރު ވެސް އުންމީދުކޮށް އަދި ބެލެވިފައި އޮތީ ވެސް 13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ދީފާނެ ކަމަށެވެ. ނަމަވެސް އެ ފަހަރު ބިޑު ދިނީ ޕާކިސްތާނަށެވެ. ބަންގްލަދޭޝްގެ ހާއްސަ އެދުމުގެ މަތިން މުބާރާތް އެ ގައުމަށް ބަދަލު ކުރުމަށް ސާފުން ފަހުން ނިންމި އެވެ. އެއީ އެ ގައުމުގެ ބާނީ، ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވަ އެވެ.

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން

ބަންގްލަދޭޝްގައި ބާއްވަން އޮތް މުބާރާތަށް ވެސް ވީ، މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް އެހެން މުބާރާތްތަކަށް ވެސް ވީ ގޮތެވެ. މި އަހަރުގެ ސެޕްޓެމްބަރަށް ރީ ޝެޑިއުލްކުރުމަށް ފަހު މުބާރާތް ބާއްވަން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަނުން ތިބީ ތައްޔާރު ވެގެންނެވެ. ނަމަވެސް އެ ގައުމުގައި މުބާރާތް ބޭއްވޭނެ ހާލަތެއް ނުހޯދުނެވެ. އަލުން ބިޑަށް ހުޅުވާލަން ނިންމުމުން، ރާއްޖެ، އިންޑިއާ އަދި ނޭޕާލް ޝައުގުވެރިކަން ފާޅު ކުރި އެވެ. އިންޑިއާ އިން ބިޑަށް ކުރިމަތި ނުލީ މުބާރާތަށް ސްޕޮންސަރެއްގެ ޔަގީންކަން ނެތުމުން ކަމަށް އެ ގައުމުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ބިޑު ހުށަހެޅީ ރާއްޖެ އާއި ނޭޕާލް އެވެ.

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން

ސާފް ޗެމްޕިއަންޝިޕް ނޭޕާލްގައި ބޭއްވުމަށް އެ ގައުމުގެ މައި ސަރުކާރު އޮތީ އެދިއެދި އެވެ. އެ ގައުމުގެ ބޮޑުވަޒީރާއި ކެބިނެޓާއި ހަމައިން އެކަމާ މަޝްވަރާކުރި އެވެ. ނޭޕާލުގައި މި އަހަރު ޓްރައި ނޭޝަން މުބާރާތް ކާމިޔާބުކަމާ އެކު ބޭއްވިފައިވުމަކީ ނޭޕާލްގެ ބިޑަށް އޮތް ޕްލަސް ޕޮއިންޓެކެވެ. ނޭޕާލުގެ މީޑިއާތަކުގައި ވެސް އެ މޭރުމުން ވާހާކަތައް ލިޔުނެވެ.

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން
ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ކުރިހޯދީ ވެކްސިނާއި ސްޕޮންސާޝިޕުގެ ގެރެންޓީން

ނޭޕާލްގެ މައްޗަށް ރާއްޖެ އިސްވުމުގައި އެންމެ ބޮޑު ސަބަބަކަށް އޮތީ، އެފްއޭއެމުން ހުށަހެޅި ބިޑުގައި ސްޕޮންސާޝިޕް ޔަގީންކަން ހިމަނާފައި އޮތުމެވެ. އަދި ކޮވިޑް ވެކްސިނޭޝަންގައި ރާއްޖެ އިން ހޯދާފައިވާ ކުރި އެރުން ސާފުން ފާހަގަކުރި އެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވުން އެއީ ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެން ދިޔަ،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރު" އަށް ވިދާޅުވި އެވެ. "އަދި ރާއްޖޭގެ ބިޑަށް ސްޕޮންސާޝިޕް ހަމަޖެހިފައި އޮތުން. މިހާރު ވެސް ދިރާގުގެ އިންޓަރެސްޓް ހުރިކަން ފާޅުކޮށްފައި ވަނީ."

ބައްސާމް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ސްޕޮންސަރުންނަށް ވެސް ރާއްޖެއިން އިސްކަން ދޭނެ އެވެ. ނަމަވެސް ބޮޑަށް ވިސްނުން ހުރީ ލޯކަލް ބްރޭންޑްތަކަށް ގިނަ ފުރުސަތުތައް ދިނުމަށެވެ.

"ބޮޑަށް ރާއްޖޭގެ ބްރޭންޑްތައް އިސްތިހާރު ކުރުމަށް އިސްކަންދީގެން މަސައްކަތް ކުރާނީ،" ބައްސާމް ވިދާޅުވި އެވެ.

ސްޕޮންސާޝިޕްގެ އެންމެ ހާއްސަ ސެގްމެންޓަކީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. އޭނާ ވިދާޅުވީ ސްޕޮންސާޝިޕްގެ އެންމެ ބޮޑު އަގެއް ހުށަހަޅާ ބްރޭންޑަކަށް މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް ދޭނެ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޖަޕާންގެ މޮޓޯ ވެހިކަލް އުފައްދާ ކުންފުނި، ސުޒުކީ އެވެ. މުބާރާތުގެ ނަމަކަށް ކިޔާފައި ވަނީ ސާފް ސުޒުކީ ކަޕެވެ.

ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ބިިޑް ކާމިޔާބުވުމުގައި އޮތް އަނެއް ސަބަބަކީ، އޭޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ކްލަބު މުބާރާތް އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް މިހާރުވެސް އޭއެފްސީން ދީފައިވުމެވެ. ދެކުނު އޭޝިއާ ޒޯންގެ މެޗުތައް އަންނަ އާދިއްތަ ދުވަހު ރާއްޖޭގައި ފަށާނެ އެވެ.

ސަރަހައްދީ ބޮޑު ދެ މުބާރާތުގެ ބިޑް އެއް އަހަރުތެރޭ ރާއްޖެ އަށް ކާމިޔާބުވީ ރާއްޖޭގައި ކުރެވޭ ކަންތައްތައް ރަނގަޅުވެގެން ދާތީ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ހޯސްޓް ކުުރުމުގެ ފެންވަރު ހުރިކަން ދައްކުވައިދޭ މިސާލެއް އެއީ،" ބައްސާމް ސިފަކުރެއްވި އެވެ.

މުބާރާތް ރާއްޖޭގައި ބާއްވަން މިހާރު ނިންމާފައި އޮތީ އޮޮކްޓޯބަރު 1-13 އަށެވެ. ސެޕްޓެމްބަރު 1 ގައި ގައުމީ ޓީމުގެ ހަރަކާތްތައް ފަށާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރޭނިންތައް ވެސް އެ ތާރީޚުގައި ފެށުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ރާއްޖޭގައި މުބާރާތް ބޭއްވީ 2008 ގައި އަވަށްޓެރި ލަންކާއާ ގުޅިގެންނެވެ. ފައިނަލް މެޗު ކުޅުނީ ލަންކާގަ އެވެ. ރާއްޖެ އިން އެ މުބާރާތް ދެ ފަހަރު ކާމިޔާބު ކުރިއަސް އަމިއްލަ ދަނޑުގައި ތަށި އުފުލާލާނެ ފުރުސަތެއް ދިވެހިންނަކަށް ނުލިބެ އެވެ.

ސާފް ފިޔަވައި ބައިނަލްއަގުވާމީ ދެ މުބާރާތް މިހާތަނަށް ރާއްޖޭގައި ބޭއްވިއިރު ވެސް އެ ދެ މުބާރާތުގެ ތައްޓާ ހަމައަށް ދިވެހިންނަކަށް ނުދެވުނެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2000 ގައި ބޭއްވި ގޯލްޑަން ޖުބްލީގެ ފައިނަލުގައި، ފުރިބާރުވެފައި އޮތް ގަލޮޅު ދަނޑުގައި ދިވެހިންގެ ކުރިމަތީގައި ކުޅެ، ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ. އޭފްސީ ޗެލެންޖު ކަޕްގައި 2014 ވަނަ އަހަރު ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އަމިއްލަ ދަނޑުގައި ރާއްޖެ އިން އުފުލާލަން ލިބޭ ފުރުތަމަ ތައްޓަށް ވުމަކީ އުންމީދެކެވެ. މުބާރާތުގެ ތަށި ޖެހިޖެހިގެން ކާމިޔާބު ކުރުމުގެ އަޒުމު ބޮޑެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކާމިޔާބުން ބައިނަލްއަގްވާމީ އެހެން މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ހުޅުވޭ ދޮރަކަށް ވެސް ވެގެންދާނެ އެވެ.